މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ "ސްޓްރެޓެޖިކް ޕްލޭން 2020-2024″ ތަޢާރަފްކޮށްފިއެވެ.
12 އަހަރަށް ފަހު އެކުލަވާލި މި ޕްލޭން ތަޢާރަފްކޮށްދެއްވީ މިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު، އަލްއުސްތާޛު ފައްޔާޒް އިސްމާއިލްއެވެ.
މި ޕްލޭންގެ މަޤްސަދަކީ، ދުރު ރާސްތާ އަމާޒަށް ވާސިލުވުމަށްޓަކައި ޙިކުމަތްތެރިކަމާއެކު މަސައްކަތްތައް ރާވާ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމަށް ގެންނަންޖެހޭ ބަދަލުތަކާއެކު ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން، މި ޕްލޭނާ އެއްގޮތަށް އިމިގްރޭޝަންގެ މަސައްކަތްތައް ތަންފީޒުކުރުންކަމަށް މޯލްޑިވްސްއިމިގްރޭޝަން އިން ބުނެއެވެ. މި ޕްލޭނަކީ ސަރުކާރުގެ 'ސްޓްރެޓެޖިކް އެކްޝަން ޕްލޭން' ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ވަޢުދުތަކާއި އެއްގޮތްވާނޭހެން އެކުލަވާލާފައިވާ ޕްލޭނެކެވެ.
މި ޕްލޭންގައި މައިގަނޑު ހަތަރު ދާއިރާއަކަށް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒީކޮށް ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، އިމިގްރޭޝަން އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތަކާއި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމާއި، ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި، ރާއްޖޭގެ މައިގްރޭޝަން ނިޒާމް އިތުރަށް ތަރައްޤީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަނޑައަޅާފައިވެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ "ސްޓްރެޓެޖިކް ޕްލޭން 2020-2024″ ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ހުސައިން (ހަނަފީ) ދެއްކެވި ވާހަކަފުޅުގައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުވުމުގެ މުހިންމުކަމާއި، މި ޕްލޭނާ އެއްގޮތަށް ކަންތައްތައް ތަންފީޒުކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލެއްވިއެވެ. ކޮންޓްރޯލަރ ވިދާޅުވި ގޮތުގައި މި އިސްތިރާޖީ ޕްލޭނަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ޝާޢިއުކުރެވޭ ފުރަތަމަ އިސްތިރާޖީ ޕްލޭނެވެ. ކޮންޓްރޯލަރ ވިދާޅުވީ އިމިގްރޭޝަނުން ކުރާ މަސައްކަތްތަކަކީ އަބަދުވެސް ދުރާލާ ވިސްނާ، ރާވައިގެން ކުރެވޭނެ ކަންކަމަށް ވުމަކީ މުވައްސަސާއަށް އަންނަ އިތުރު ހަރުދަނާކަމެއް ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މަޤްސަދަކީ، ދުރުރާސްތާ މަންޒިލަކަށް ވާސިލްވުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކޮށް، ޤާބިލު އޮފިސަރުންތަކެއް ބިނާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ