އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން” އޮޕަރޭޝަން ރިވެލި” ގެ ދަށުން 789 ސަރަހައްދަކާއި 387 އުޅަނދު ބަލައިފާސްކޮށްފިއެވެ.
އެގޮތުން އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދުގެ ހެނދުނު 06:00 އާ ހަމައަށް އޮޕަރޭޝަނުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 99 މީހަކު ބަލައިފާސްކޮށްފައިވާއިރު ހުއްޓުވައި ސުވާލުކޮށް 504 މީހަކު ވަނީ ފޮނުވާލާފައެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މީގެއިތުރުން އިއްޔެ ހަވީރުން ފެށިގެން މިއަދު ހެނދުނު 06:00 އާހަމައަށް ފޭރުމުގެ ދެ މައްސަލައަކާއި ވައްކަމުގެ ހަތަރު މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ ތިން މައްސަލައަށް ރިޕޯޓްކޮށްފައިވެއެވެ. ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާކޮށްފައިވާއިރު، 6 އުޅަނދެއްވަނީ ޓޯވކޮށްފައެވެ. އަދި ކަނޑުމަތީގެ ވައިލޭޝަންތަކުގައި 5 ފަރާތްތަކަށް ނަސޭހަތްތެރިވެފައިވެއެވެ.
އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގައިޑްލައިންތައް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރަމުންދެއެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން މިއަދުގެ ހެނދުނު 06:00 އާހަމައަށް މާސްކު ނާޅާ އުޅުމުގެ ސަބަބުން 6 މީހަކަށް ނަސޭހަތްތެރި ވެފައިވާއިރު މާސްކު ނާޅައި އުޅުމުގެ ސަބަބުން 2 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.
މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުމުގެ އިތުރުކޮށް، ދަންވަރު ވަގުތުތަކުގައި އެެއްވެސް ބޭނުމެއްނެތި މާލެތެރޭގައި އުޅޭ މީހުންނާ ސުވާލުކުރުމާއި ކްރައިމް ހޮޓްސްޕޮޓްތައް ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރަމުންދާނެއެވެ. އަދި މި އޮޕަރޭޝަނުގައި އާންމުކޮށް މާލެތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން އިތުރު ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.