ރާއްޖެއަށް އެމްޑީޕީން ގެންނަ ތަރައްޤީ ފެނިފައި، ހަޖަމް ނުވާ ބަޔަކު އެބަތިބި ކަމުގައި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތާއި، މިނޫންވެސް ތަރައްޤީގެ އެތައްކަމެއް ކުރެވެމުންދާއިރު މިކަންކަމާއި ހަޖަމް ނުވާނެ ބަޔަކު އެބަތިބިކަމަށް ސިފާ ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިއްޔެ ރައީސްވަނީ ދެއްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ތަރައްޤީގެ މަސައްކަތް ހަވާލުވެފައިވާ ވަޒީރުންނާއި، ކުންފުނިތަކުން އެމަސައްކަތް ދުވަހުން ދުވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ހުއްޓުމެއްނެތި ކުރުމަށް ދަންނަވާފައެވެ. ސިފާ ވަނީ ރައީސް އިއްޔެ އެވާހަކަ ދެއްކިފަހުން ވަޒީރުންނަށާއި، ކުންފުނިތަކަށް މިކަން ހަދާންކޮށް ކައުންޓްޑައުންވެސް ހަދަމުންނެވެ. އަދި ރައީސް އިއުލާން ކުރެއްވި ކަންކަން ތަންފީޒު ކޮށްދެއްވުމަށް ސިފާވަނީ އާދޭސް ދަންނަވަފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި ކަންކަން އަވަހަށް ތަންފީޒު ކޮށްދެއްވުމަށް ވަޒީރުންނަށް އާދޭސް ދަންނަވަން. މުޅި ރާއްޖެއަށް އެމްޑީޕީން ގެންނަ ތަރައްޤީ ފެނިފައި، ހަޖަމް ނުވާ ބަޔަކު އެބަތިބި.
– ސިފާ ވިދާޅުވިއެވެ.
23 ރަށުގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން، މިއީވެސް ސަރުކާރުގެ ބޮޑު ބުރަ މަސައްކަތެއްކަމަށެވެ. މިއާއެކު ސައުކާރުން ދެން އިސްކަމެއް ދީގެން ކުރިއަށްގެންދަނީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ އަސާސީ ޚިދުމަތްތަކުގެ ތެރެއިން މި ސަރަޙައްދަށް އެންމެ މުހިންމު މަސައްކަތް ކަމަށާއި، އަދި ރައްޔިތުން އެމަނިކުފާނާ ހަމައަށް އެންމެ ގިނައިން ގެންނަ ކަންބޮޑުވުންކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައިވެސް މިވާހަކަތައް ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިސަރުކާރުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ގެންނާނަން. މިހާރުވެސް 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދޭ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫޢު ރާވާފަ އޮތީ. ގުޅީފަޅު އެކަންޏެއް ނޫން، ހުޅުމާލެއާ އެހެން ފަޅުންވެސް. 1000 ގޯޗެއް ނޫން، އޭގެ ދެގުނަ ތިންގުނަ ހަތަރުގުނަ މާލޭ ރައްޔިތުންނަށް ޢަމާޒުކޮށް ދޭނަން.
– ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ޖޫން މަހު ރައީސުލްޖުމްހޫިިއްޔާވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 4000ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. މާލެ ސަރަޙައްދަށް ޚާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރުވެސް ހައުސިންގގެ ގިނަ މަޝްރޫޢުތަކެއް ފަށައިގެންދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ