މިއީ އަޅުގަނޑުމެން ބޮޑުތަނުން ކާމިޔާބު ކުރާނެ އިންތިޚާބެއް: ސިއްޕެ

މިއީ އަޅުގަނޑުމެން ބޮޑުތަނުން ކާމިޔާބު ކުރާނެ އިންތިޚާބެއް: ސިއްޕެ

ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޕީން އަނެއްކާވެސް ބޮޑު ތަނުން ކާމިޔާބު ކުރާނެ އިންތިޚާބެއް ކަމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައިި-އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ފޯމު އިލެކްޝަން ކޮމިޝަނާއި ހަވާލު ކުރުމަށްފަހު މީޑިއާއާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް ވިދާޅުވީ މާދަމާރޭ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްފަހު އެމްޑީޕީން ވަރުގަދަ ކެމްޕެއިނެއް ކޮމަންޑޫ ދާއިރާގައި ކުރާނެކަމަށެވެ.

އެމްޑީޕީން މިއިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށެވެ. އަދި ރަސްމީކޮށް މި އިންތިޚާބުގެ ކެމްޕެއިން ލޯންޗުކޮށް، މިއިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށް ޝިފާޒު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު އަވަހާރަވުމުންނެވެ. ކޮމަންޑޫ ދާއިރާއަށް އެމްޑީޕީންނާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވަނީ ކެނޑިޑޭޓުން ނެރެފައެވެ. އެމްޑީޕީން ވާދަކުރަނީ މުޙައްމަދު ރާޝިދެވެ. ޕީޕީއެމުން ނެރެފައިވަނީ މޫސާ ފަތުހީ އާދަމްއެވެ. އެމްއެންޕީގެ ކެނޑިޑޭޓަކީ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިހާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *