ރައީސް ޔާމީނު "އިންޑިއާ އައުޓް" ޖަހައިގެން ޓީޝާޓް ތުރުކުރައްވައިގެން އިންޑިއާގެ 1 ބިލިއަނަށް ވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ނަފުރަތު އުފައްދަން ހިންގަވަނީ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެއްކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އިސްކޮށް ހުންނައިވެގެން އުފައްދާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމްކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ މަގްސަދަކީ އިންޑިއާއާއި މެދު ނަފްރަތު އުފައްދާ އަމިއްލަ ފުޅަށް ކުރެއްވި ހުރިހާ ކަމެއް މަތިޖަހާ، ކޮވިޑްގެ މި ދަތިހާލުގައި ރާއްޖެއަށް ބޭރުން ލިބޭ އެހީ ތަކާއި އަދި ވިޔަފާރިތަކާއި އިންވެސްޓްމެންޓްތައް ހުއްޓުވާލުންކަމަށެވެ. ރައީސް ޔާމީނު ތަރައްގީގެ ނަމޫނާއަކަށް ސިންގައްޕޫރުގެ ވާހަކަ ދައްކަވާއިރު ސިންގައްޕޫރުގެ ހަރުދަނާ ފޮރިން ޕޮލިސީއެއް އެނގިއެއްނުލައްވާ ކަމަށާއި، ސިންގައްޕޫރު، ޔޫއޭއީ ފަދަ އެތައް ކުދި ގައުމެއް ތަރައްގީވެފައި ވަނީ ބެލެންސްޑް ފޮރިން ޕޮލިސީއަކާއި އަދި ވަރުގަދަ ޑިފެންސް ޕާރޓްނަރޝިޕްތަކަކާއި އެކީގައިކަމަށް މިބަޔާނުގައި ބުނެފައިވެއެވެ
މިއަދު ރައީސް ޔާމީނު "އިންޑިއާ އައުޓް" ޖަހައިގެން ޓީޝާޓް ތުރުކުރައްވައިގެން އިންޑިއާގެ 1 ބިލިއަނަށް ވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ނަފުރަތު އުފައްދަން ހިންގަވަނީ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެއް.. މިއަދު ރައްޔިތުންނަށް ކޮވިޑް-19 އިގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ނާޖާއިޒު ފައިދާ ނައްގަވައިގެން ނަފުރަތާ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަކީ ދިވެހިރާއްޖެ ދެކެލޯބިވާ އެއްވެސް ލީޑަރެއް ކުރާނެ ކަމެއް ނޫން. މިއަދު ރައީސް ޔާމީނަށް އެއްވެސް އުންމީދެއް ރައްޔިތުންނަކަށް ނުދެވުނު. ބަދަލުގައި އެމަނިކުފާނު ގެންގުޅުއްވަނީ ހުރިހާ ކަމަކަށް އެންމެ އެޖެންޑާއެއް. އެމަނިކުފާނުގެ ވައުދަކީވެސް އަދި މެނިފެސްޓޯ އަކީވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ "އިންޑިއާ އައުޓް" އެޖެންޑާ.
– އެމްޓީޑީން ބުނެފައިވެއެވެ.
އެމްޓީޑީން ބުނީ މީގެކުރިންވެސް ދިވެހި ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީވީ ގޮތަށް ކޮވިޑް-19 ކާރިސާ 2020 ވަނަ އަހަރު ފެށުނީއްސުރެ މިއަދާ ހިސާބަށްވެސް މިދިވެހި ގައުމު ބަނގުރޫޓު ނުވެ މެނޭޖް މިކުރެވެނީ އިންޑިއާގެ ބޮޑުއެހީތެރިކަމަކާއި ލައިގެން ކަމަށެވެ. އެއީ މުޅި ދުނިޔެ ބަންދުކޮށްފައި އޮތް އިރުވެސް ޓްރެވެލް ބަބުލް އެއް ގާއިމު ކޮށްގެން ރާއްޖެއަށް ފަތުރުވެރިން އިންޑިއާއިން އާދެވޭނެ ގޮތް ހަމަޖައްސާ ދެއްވާ އަދި ބޮޑެތި ބަލިތަކަށް ރާއްޖެއިން ނުކުރެވޭ ބޭސްފަރުވާ ކުރަން އިންޑިއާ އަށް ދެވޭގޮތް މުޅި އިންޑިޔާ ބައްދުކޮށްފައި އޮތްއިރުވެސް ދިވެހިންނަށް ހާއްސަކަން ދީގެން ހަމަޖައްސައި ދިންކަމަށެވެ.
އަދި ވެކްސިން އިންޑާއިން ހިލޭދިން ފުރަތަމަ ގައުމަކަށް ރާއްޖެވީއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް މިހާރުވެސް އަންނަނީ އިންޑިއާއިން ކަމަށާއި، އަދި ތިލަމާލެ ބްރިޖް ފަދަ އެތައް ތަރައްގީގެ މެގަ ޕްރޮޖެކްޓްތަކަކަށް ލުއިލޯނާއި ބަޖެޓް ސަޕޯޓް އަދި ހިލޭ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ފާއިތުވީތިން އަހަރުތެރޭ އިންޑިއާއިން ރާއްޖެއަށް މިވަނީ ދެއްވާފައިކަމަށެވެ. އިންޑިއާގެ އެހީތެރިކަމާއި އެކީ ދުނިޔޭގެ ފަހުރުވެރި ޔޫއެންޖީއޭގެ ރައީސް ކަމުގެ މަގާމް އަދާކުރައްވަނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކަމަށާއި، ކުރިން ހިފެއްޓުމެއްނެތި އަންނަމުން ދިޔަ ޑްރަގްބޯޓުތައްވެސް ދަނީ ޓްރެކްކުރެވި އެތައް ކިލޯއެއްގެ މަސްތުވާތަކެތި އިންޑިއާގެ އެހީ ތެރިކަމާއި އެކީ ދިވެހި ފުލުހުން ދަނީ އަތުލައިގަންނަމުން ކަމަށެވެ.
ރައީސް ޔާމީނު އަށް ހަޖަމުނުވިޔަސް ކުރިއައް އޮތްތަނުގައިވެސް އިންޑިއާއިން ދާނީ ދިވެހިރާއްޖެއަށް އެހީ ތެރިވަމުންކަމަށާއި މިއީ ރައީސް ސޯލިހުގެ ހަރުދަނާ ހާރިޖީ، ދިފާއި އަދި އިގްތިސާދީ ސިޔާސަތުތަކުގެ ފުރިހަމަ ނަތީޖާކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.
މިއަދު ރައީސް ޔާމީނު އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައްޔިތުންގެ އަޑުއުފުލާ ސަރުކާރު ޖަވާބުދާރީ ކުރުވާތަނެއް ނުފެނޭ. މިފަހުން ހިޔާ ފްލެޓްގެވެރިންނާއި އަދި އަރަބިއްޔާގެ ބެލެނިވެރިން ވެސްޖެހުނީ އަމިއްލަޔަށް އަޑުއުފުލާ ހައްގުތަކަށް ވަކާލާތު ކުރަން. އަދި ރައީސް ސޯލިހު އެފަރާތްތަކުގެ އަޑުއައްސަވާ އެކަންތައްތަކަށް ހައްލު ހޯއްދަވައި ދެއްވި. ރައްޔިތުންނަކަށް މިއަދު އިދިކޮޅުޕާޓީ އެއް އަދި އިދިކޮޅު ލީޑަރެއްގެ ބޭނުމެއް ނުހިފޭ. އަދި މިދިޔަ ދެއަހަރު މުޅި ދުނިޔޭގައި ފެތުރެމުން މިދާ ކޮވިޑް-19 ކާރިސާ އާއި ބެހޭގޮތުން އެއްވެސް ހަމްދަރުދީގެ ބަސްފުޅެއްވެސް ރައީސް ޔާމީން ވިދާޅެއްނުވޭ.
– އެމްޓީޑީން ބުނެފައިވެއެވެ.
މިހާތަނަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި 261 ދިވެހި ރައްޔިތުން ނިޔާވެ، މުޅި ދުނިޔެއަށާއި ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮތުން ދަތި އުދަގޫ ދުވަސްވަރު އެއްވެސް ޒިންމާދާރުކަމެއް ނެތި ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދީ މިއަދު ރައީސް ޔާމީނު ކުއްލިއަކަށް "އިންޑިއާ އައުޓް" ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތްނުވެގެންކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ދިވެހިރާއްޖެއަށް މިކަމުން އެތައް ގެއްލުމެއް ލިބި އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލި މިގައުމު މުޅިދުނިޔެއާއި އެކަހެރިކޮށް ބާއްވަން ބޭނުންވާ ލީޑަރެއް މިއަދު ހަރުދާނާ އެއްވެސް ދިވެހިރައްޔިތެއް ބޭނުމެއް ނުވާނެކަމަށާއި، އެމްޓީޑީން ރައީސް ޔާމީނު ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭން ކުއްވެރިކޮށް، އަދި މިކަމާ ރައްޔިތުން ފުންކޮށް ވިސްނާ މިކަމުގައި ބައިވެރި ނުވުމަށް ވަނީ ގޮވާލާފައެވެ.
One Response
އެމްޑީޕީ ކޮންމެ ދެމީހަކު ނަމެއް ކިޔާފަ ޕާޓީއެއް ހަދައިގެން ދައުލަތް ލޫޓުވާފަ މިއުޅެނީ އެކަން ފަސްއަޅާ ފޮރުވަން