މިސަރުކާރު އައިފަހުން މިހާތަނަށް 1.8 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
މިއަދު ފުލުހުން ވަނީ މާފުށީގައި، މަސްތުވާތަކެތީގެ ޓްރެފިކިންގ މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައެވެ.
މަސްތުވާތަކެތި ނައްތާލުމަށްފަހު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިއަދު ނައްތާލެވުނު 314.82 ކިލޯ އާއިއެކު މި ސަރުކާރު އައިފަހުން 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލެވިއްޖެ ކަމަށެވެ. އަދި މިއީ މަގުމަތީ އަގުން 1.8 ބިލިޔަން ގެ މަސްތުވާތަކެއްޗެވެ.
އިމްރާން ވިދާޅުވީ މަސްތުވާތަކެތިފަދަ ބޮޑު ވަބާއަކުން ޤައުމު ސަލާމަތް ކުރެވޭނީ ގިނަ ބައެއްގެ އެހީތެރި ކަމާއިއެކުގައި ކަމަށެވެ. ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކުން މިކަމާއި ދެކޮޅަށް ލިބެމުންދާ އެހީތެރިކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށާއި، އަދި އެކަން ކާމިޔާބުވެސް ނުވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ ޑްރަގުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި، ޑްރަގުގެ ވަބާގައި 8 އަހަރުގެ ކުދިންވެސް ޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. ފާއިތުވެދިޔަ 2014 ވަނަ އަހަރަށް ބަލާއިރު ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންގެ އުމުރަކީ 22 އާއި 37 އަހަރާއި ދެމެދު ކަމަށާއި ނަމަވެސް މިއަހަރު އުމުރު ފުރާއަށް ބަލާއިރު 17 އަަހަރާއި 68 އަހަރާއި ދެމެދު މީހުން މި ވަބާގައި ޖެހިފައިވާކަމަށް މިދިރާސާއިން ދައްކައެވެ.
ރާއްޖޭގައި ޑްރަގުގެ ވަބާ އޮތް މިންވަރުން ހާލަތު ބަދަލު ކުރުމަށް ކުރެވޭ މަސައްކަތަކީ މުޅި ރާއްޖޭގައި ވަރަށް ފުޅާކޮށް ހިންގުމަށް ނިންމާފައިވާ މަސައްކަތެއްކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ހެލްތު މިނިސްޓްރީން ވަނީ، މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ބޭނުންވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ޓީމްތަކެއް ނެގުމަށް ނިންމާފައެވެ. މި ޓީމްތަކަކީ މުޖުތަމަޢާ ގާތުން، އަދި މިފަދަ ވަބާތަކަށް ހުށައެޅުމުގެ ކުރިންވެސް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ޓްރެއިންކުރާ ޓީމްތަކެކެވެ. މި މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ހެލްތު މިނިސްޓްރީން ކުރިއަށްގެންދަމުންނެވެ.
އެގޮތުން މަސްތުވާތަކެތީގެ ޙާލަތު ހިމެނޭހެން އާއްމު ސިއްޙަތުގެ ކަންކަން ރަނގަޅުކުރުމަށް، ސިއްޙީ އެހީތެރިންގެ 3 މެންބަރުންގެ ޓީމެއް ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެކި އަތޮޅުތައް ހިމެނޭހެން 24 ކެންޑިޑޭޓުން ތަމްރީންކޮށް، އަތޮޅުތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް މިއަހަރުތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.