ރާއްޖޭގައި ވެރިކަމަށް އަންނަނީ ބިން ހިއްކާ ރައީސުންނާއި ހިއްކާ ބިން ވިއްކާ ރައީސުންކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލުމާއި ގުޅިގެންނެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ކުރީގެ ރައީސް ޢަބްދުޛ ޔާމީންގެ ވެރިކަމުގައި ހިއްކި ބިމެކެވެ.
ބިން ހިއްކުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ހިސްޓޯ ވިދާޅުވީ، ވެރިކަމަށް އަންނަނީ ހިއްކާ ރައީސުންނާއި ވިއްކާ ރައީސުންކަމަށެވެ އެއްރައީސް ހިއްކީމަ ވިދިގެން އަންނަ ރައީސް ވިއްކަނީކަމަށް ހިސްޓޯ ވިދާޅުވިއެވެ.
ވެރިކަމަށް މިއަންނަނީ ހިއްކާ ރައީސުންނާއި ވިއްކާ ރައީސުން. އެއްރައީސް ހިއްކީމަ ވިދިގެން އަންނަ ރައީސް ވިއްކަނީ
ރ.މައުމޫން ހިއްކީ – ރ.ނަޝީދު ވިއްކީ
ރ.ޔާމީން ހިއްކީ – ރ.އިބްރާހީމް ވިއްކީދެން އަނެއްކާވެސް އަންނާނީ ހިއްކާ ދައުރެއް https://t.co/1xVzAIM4oF
— Histo (@ShifaqMufyd) December 27, 2021
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހަމަޖެހިފައިވަނީ، 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 ބިމެވެ.
މީގެ ތެރޭގައި ހިމެނެނީ އަތިރިމަތިން 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ. މިފަހަރު ހުޅުވާލާ ފުރުޞަތުގައި އިސްކަން ދޭނީ އަލަށް ބިން ގަންނަ ފަރާތްތަކަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށެވެ. ކޮންމެ މީހަކަށްވެސް ގަނެވޭނީ އެއް ބިމެވެ. އިތުރަށް ހިމެނޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، 18އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ.
ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރެވޭނީ 2 ޖަނަވަނީ 2022އިން ފެށިގެން، 31 ޖަނަވަރީ 2022ގެ ނިޔަލަށެވެ.
ދޫކުރާ ގޯތިތަކުގެ ތެރެއިން ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 09 ފެބްރުއަރީ 2022ވާ ބުދަ ދުވަހުއެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުއެވެ.
މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ދައްކަންޖެހޭނެއެވެ. 2017ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ހުޅުމާލޭ ފަޅުން 240 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ދެވަނަ ފިޔަވަހި ޚާއްސަކުރަނީ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކަށެވެ. އިޤްތިޞާދީ ހަބުތައްވެސް ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓު ފޮނުވާ