ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްފިއެވެ. ހިޔާ ފްލެޓްގެ ކުލި ނެގުން ފަސްކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފްލެޓްގެ ފިނިޝިންގް މަސައްކަތްތައް ނުނިންމައެވެ. މީގެތެރޭގައި ގޭގޭގައި މުށިޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ކަރަންޓު ސާމާނު ހަރުކުރުންފަދަ މަސަކަތްތައް ހިމެނެއެވެ. ފިނިޝިންގް މަސައްކަތްތައް ނިންމުމަށް ފުރަތަމަ ދިނީ 3 މަސްދުވަހުގެ މުއްދަތެކެވެ. މި 3 މަސް ދުވަހުގެ މުއްދަތުގައި ކުލި ނުނެގުމަށް ސަރުކާރުން އޭރު ނިންމިއެވެ. ކަނޑައެޅި ތާރީޚަށްވުރެ ފްލެޓްތައް ހަވާލުކުރުން ލަސްވުމާއި، އަދި ފިނިޝިންގ މަސައްކަތްތަކަށް އިތުރު މުއްދަތު ބޭނުންވާތީ، މި މުއްދަތު ރައީސުލްޖުމްހޫރިއްޔާ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދެއްވިއެވެ.
މިހާތަނަށްވެސް ހިޔާގެ ގިނަ ފްލެޓްތަކެއްގެ ފިނިޝިންގ މަސައްކަތް ނިމިފައި ނުވާތީ، މި މުއްދަތު އިތުރު 3 މަސް ދުވަހަށް އިތުރުކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މިހާރު މިވަނީ އިޢުލާންކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށެވެ. މި ނިންމުމަކީ މި ސިޔާސަތުގެ ދަށުން ހިޔާގެ ރަށްވެހިންގެ އަޑު އަހާ، ހިޔާ ފްލެޓަށް ބަދަލުވާ މީހުންނަށް ދަތިތައް ޙައްލުކޮށްދެއްވުމަށް ނިންމި ނިންމުމެއްކަމަށެވެ.
ހިޔާ ފްލެޓްގެ އެތެރޭގެ މަސައްކަތްތައް ނިންމަން ދިން ތިން މަސްދުވަހުގެ މުއްދަތު މިމަހުގެ ނިޔަލަށް އެ ނިމެނީ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ މުއްދަތުގައި މަސައްކަތް ނިންމާ އެތާނގައި ދިރިއުޅެން ފެށޭވަރެއް ނުވި. މިކަމަށް އިތުރު ލުޔެއް ދިނުމަށް ސަރުކާރުން މިހާރު ނިންފައި ވަނީ، ފްލެޓްތައް ނިންމުމަށްޓަކާ، ކުލި ނުނަގާ އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން. އުއްމީދުކުރަނީ މި ފެށޭ އަހަރުގެ މަރޗް މަސް ނިމޭއިރު، ފްލެޓްތައްވެސް ނިމިގެން އެތަނުގައި ދިރިއުޅެން ފެށޭވަރުވާނެކަމަށް.
– ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަޢުލަތުން އަބަދުވެސް މަސައްކަތް ކުރައްވަމުންދަނީ އެ ދަޢުލަތެއްގައި ޝާމިލްވާ އެންމެންގެ އަޑު އަހާ، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށްކަމަށެވެ. އަދި ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަ ދިނުމަށްކަމަށެވެ.
ހިޔާ ހައުސިންގ ޔުނިޓްތައް ފުރަތަމަ ތަރައްޤީކުރީ 7000 ހައުސިންގ ޔުނިޓާއެކުއެވެ. ނަމަވެސް މިއަދަދު ފަހުންވަނީ، ފްލެޓްގެ ގްރައުންޑް ފްލޯގެ ފްލެޓްތައް އުނިކޮށް 6720 ހައުސިންގ ޔުނިޓަށް ބަދަލުކޮށްފައެވެ.