ދެފަހަރެއްގެ މަތިން ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު މާދަމާ ހުޅުވާލުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ މިމަހުގެ 27 އިން 29 އަށް ދަފްތަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ނެޝަނަލް އާޓް ގެލަރީގައިކަމަށެވެ. ޚިދުމަތުގެ ރަން ތާރީޚެއް އޮތް ނދއވ އަލްމަރްޙޫމް ޢުމަރު ޒާހިރު އެންމެ ފަހުން ހިންގެވި ވުޒާރާ އަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްއެވެ.
އެއީ 01 ސެޕްޓެމްބަރު 2004 އިން 14 ޖުލައި 2005 އަށެވެ. އަދި 11 ނޮވެމްބަރު 1983 އިން 11 ނޮވެމްބަރު 1988 އަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސްގެ މަގާމާއި 11 ނޮވެމްބަރ 1988 އިން 1993 އަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމުވެސް އަދާކުރައްވާފައެވެ. ދާޚިލީ ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި 2004 ވަނަ އަހަރު ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދެއްވުން ފާހަގަ ކޮށްލެވެއެވެ.
ބައިގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރާއްޖެއަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ނގއވ އަލްމަރްޙޫމް ޢުމަރު ޒާހިރު ދާޚިލީ ވަޒީރުކަމުގެ އިތުރުން އަދާކުރެއްވި ސަރުކާރުގެ ބައެއް މުހިންމު މަގާމުތަކަށް ބަލާއިރު މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި އައްޑުއަތޮޅު ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާއާއި މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނާއިބު ކަމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނާއިބުކަމުގެ މަގާމު ފުރުއްވާފައި ވެއެވެ.
ނއއވ އަލްމަރްޙޫމް ޢުމަރު ޒާހިރު ފާހަގަ ކުރެވިފައިވަނީ ޤައުމީ ބޮޑެތި މަސައްކަތްތައް އަމަލީ ގޮތުން ހިންގެވުމާއި އެމަސައްކަތްތަ ހިނގާނުހިނގާ ގޮތް ވަރަށް ކައިރިން ބައްލަވައި އިރުޝާދު ދެއްވި ބޭފުޅެއްގެ ގޮތުގައެވެ.
އުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެގޮތުން 1953އިން ފެށިގެން 2008އާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ