ހުސްވެފައިވާ ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްއެންޕީގެ އިލެކްޓޯރަކް ޓިކެޓް، ށ. ކޮމަންޑުއަށް އުފަން، ތައުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްފައިވާ، އަބުދުން ހަންނާން އިދުރީސްއާއި ހަވާލު ކޮށްފިއެވެ.
ހަންނާނުއާއި އެމްއެންޕީގެ ޓިކެޓް ހަވާލު ކޮށްފައިވަނީ، ޓިކެޓް ހަވާލުކުރުމަށް ޚާއްސަ ކުރެވިގެން މިރޭ އެޕާޓީން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު، ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްއެވެ.
މިޖަލްސާގައި، ޕާޓީގެ ޓިކެޓް ރަސްމީކޮށް ހަންނާންއާއި ހަވާލު ކުުރުމަށްފަހު، ޕާޓީގެ ރައީސް ނާޒިމް ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވެފައިވަނީ، ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ހަންނާނަކީ ޖީލެއް ބިނާ ކުރެއްވި ބޭއްފުޅެއް ކަމަށާއި އޭނާއަކީ، ވަރަށް ހިތްހެޔޮ، މީހުންނާ ދޭތެރެ އަޅާޅުމުގެ ސިފަތައް ހުރި، އަދި ގިނަ ބަޔަކާއެކީ މަސައްކަތް ކުރެއްވޭނެ ބޭފުޅެއް ކަމުގައެވެ.
ކޮމަންޑޫ ދާއިރާގެ އިއްޒަތްތެރި ބޭފުޅުންނަށް ދަންނަވާނީ މިއަދު ލިބިވަޑައިގަންނަވަނީ ރަން މަލެއް ފަދަ ބޭފުޅެކޭ. ތަޖުރިރާބުހުރި އިޚްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމުގަ.
ނާޒިމް ވިދާޅުވެފައި ވެއެވެ.
އެމްއެންޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އަބުދުލް ހަންނާވެސް މިޖަލްސާގައި ވާހަކަ ދައްކަވާފައި ވެއެވެ.
ހަންނާގެ އާއިލާގެ ބޭފުޅުންވެސް ބައިވެރިވި، ޓިކެޓް ހަވާލުކުރުމުގެ މިޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާން ވިދާޅުވީ، ދާއިރާގެ ރައްޔިތުން އޭނާ މަޖިލީހަށް އިންތުޚާބު ކޮށްދެއްވައިފިނަމަ، ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރައްވާ، ނަތިޖާ ހާސިލް ކުރައްވާނެ ކަމުގައެވެ. އަދި އޭނާއަށް ދާއިރާގެ ރައްޔިތުންގެ އަޑު އަހަން ކެރޭނެ ކަމަށާއި، ސަރުކާރުގެ އިދާރާތަކާއި ހަމައަށް ރައްޔިތުންގެ އަޑު އޭނާ އުފުއްލަވާ ދެއްވާނޭކަމަށްވެސް މިޖަލްސާގައި ހަންނާނެ ވައުދުވެވަޑައިގަތެވެ. އަދި ވިދާޅުވީ، އޭނާއަކީ ކުރާ ކޮންމެ ކަމެއްވެސް ފަސްޖެހުމެއް ނެތި، ނަތީޖާ ހާސިލްކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، އޭނާއަކީ ތަފާތު ފިކުރުގެ މީހުންނާއެކީ އެއް އަމާޒަކަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމުގައެވެ.
އެފެދުނުތާ އަދި 3 މަސް ނުވާ އެމްއެންޕީއަކީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް، އެންމެ ފުރަތަމަ ރަސްމީކޮށް ޓިކެޓް ހަވާލު ކުރި ޕާޓީއެވެ. އެމްއެންޕީގެ އިތުރުން، ވެރިކަން ކުރާ އެމްޑީޕީއާއި އަދި ޕީޕީއެމްއިންވެސް ވަނީ މިއިންތިޚާބުގައި ވާދަކުރާނޭކަން ހާމަ ކޮށްފައެވެ. އަދި އެމްޓީޑީން މިހާރުވަނީ އެޕާޓީގެ ޓިކެޓްގައި ވާދަކުުރުމަށް ފުރުސަތު ހުޅުވާލާފައެވެ.