ވާރޭ ފެން ނެގުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ވާރޭ ފެން ނެގުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޖިމީ
24 ޑިސެމްބަރ 2021 11:10
0

ރާއްޖެ ސަރަހައްދުގެ ޖައްވު ފުސްވަމުން ދާތީ ވާރޭފެން ނެގުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފިހުން ބުނެފައިވަނީ ހުޅަނގުން އިރުމައްޗައް ވައި ބަދަލުވަމުންދާ މިދުވަސްވަރުގައި އިންޑިއާގެ ހިމާލަޔަން ސަރަހައްދާއި ބޭ އޮފް ބެންގޯލް ހުރަސްކޮށް ހިރަފުހާއި ދުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާކަމަށާއި، މިކަން ފާހަގަކުރެވެނީ ޑިސެމްބަރުން ފެށިގެން މާޗު މަހުގެ ނިޔަލަށްކަމަށެވެ.

އެ އޮފީހުން ވަނީ ނޭވާލާ ނިޒާމްގެ ބަލިތައް ހުންނަ މީހުންނަށް މި ހިރަފުހުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެ ސިއްޙީ މައްސަލަތަކާ ކުރިމަތިވެދާނެތީ، ސަމާލުވެ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގައިވެސް އިރުވައި މޫސުން ފެށޭ ދުވަސްވަރު ޖައްވު ނުސާފުވެއެވެ. މެޓް އޮފީހުގެ މީޓަރަލަލޮޖިސްޓް އަޙްމަދު ޝާބިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް މިފުސްކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކ.ހުޅުލެއާ ހދ.ހަނިމާދޫ ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޓްރީއަށް ކަމަށެވެ.

މެޓް އެއޮފީހުން ވިދާޅުވީ ޢާއްމުގޮތެއްގައި މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 ނުވަތަ 5 ކިލޯމީޓަރަށް ދަށްވެފައިކަމަށެވެ. ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މީގެ ކުރިން ރަށުގައި ހުރެގެން ދުރުން ފެންނަ ރަށްރަށް، ޖައްވު ފުސްކަމުން ނުފެނެއެވެ.

ޖައްވު ނުސާފްވެ ވައި ތަގައްޔަރުވަމުންދާތީ މާސްކު އެޅުމަށް ސިއްޙީ މާހިރުން އިރުޝާދުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.