ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާއިރު، މިދިޔަ މަހު އެކަނިވެސް މިފަދަ 84 މައްސަލައެއް ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެއިދާރާއަށް ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވެއެވެ. ޖެންޑަ މިނިސްޓަރ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 29 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 21 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 05 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ ވަނީ ހުށަހެޅިފައެވެ.
މިދިޔަ މަހުގެ ޢާއިލީ 26 މައްސަލަ ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައެވެ. މި މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 07 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 23 މައްސަލަ އެއް ހުށަހެޅިފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. މިފަދަ 13 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން / އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 08 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 01 މައްސަލަ އަދި ފާރަލުމުގެ 01 މައްސަލަ ހިމެނެއެވެ.
މިދިޔަ މަހު ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 17 މައްސަލަ ހުށަހަޅައިފައިވާއިރު، މީގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 08 މައްސަލަ، ރުޅި އިސްކުރުން/ރުޅި ގަދަވެގެން އުޅުމުގެ 07 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 02 މައްސަލަވެސް ހިމެނެއެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 208 ކުއްޖަކު އެބަތިބިއެވެ.
ކޮމެންޓު ފޮނުވާ