ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު އަވަހާރަވުމަކީ މުޅި ދިވެހި ޤައުމަށް ލިބިގެންދިޔަ ވަރަށް ފުން ހިތާމައެއް ކަމުގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ޢުމަރު ޒާހިރުގެ ދަރިކަނބަލުން އާމިނަތު ސާމިޙާ ޒާހިރާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ސާމިޙާއަށާއި، ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.
އުމަރު ޒާހިރަކީ ދިވެހި ދައުލަތަށް 49 އަހަރު ޚިދުމަތް ކުރައްވާފައިވާ ރާއްޖޭގެ ތަރައްޤީގެ އެއް މޭސްތިރިޔާއެވެ. ރައީސް ވިދާޅުވީ އުމަރު ޒާހިރު ވަހިވެ ދިއުމަކީ މުޅި ދިވެހި ޤައުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފުން ހިތާމައެއް ކަމުގައެވެ.
ދަޢުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ނ.ޢ.ޢ.ވ ޢުމަރު ޒާހިރު އަވަހާރަވުމަކީ، މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް. މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.
– ރައީސް ޞާލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޢުމަރު ޒާހިރަކީ، ދިވެހި ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި އަދި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ، މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޢާއިލާއަށް މި ލިބުނު ފުން ހިތާމައަށް ކެތްކުރެއްވުމުގެ ހިތްވަރު ދެއްވައި، މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.
އުމަރު ޒާހިރު އަވަހާރަވީ ކޯވިޑް-19ގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރު 2 ޖަހާ އެހާކަށްހާއިރު ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ. ޢުމަރު ޒާހިރު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ކޯވިޑަށް ޓެސްޓްކުރެއްވުމުންނެވެ. ޢުމަރު ޒާހިރުގެ ޢާއިލާއިން މީގެ ކުރިން މަޢުލޫމާތު ދެއްވިގޮތުގައި އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެވަޑައިގެންވި ފަހުން އުޅުއްވީ އާލާސްކަންފުޅާއެވެ.
ގަދަ ހުމުގެ އާލާސްކަންފުޅެއް ޖެހި، ހިންގަވައި އުޅުއްވުމަށްވެސް އެމަނިކުފާނަށް އުނދަގޫފުޅުކަމަށް ޢާއިލާއިން ކުރިން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
ޢުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936ގައެވެ.
އެމަނިކުފާނު ވަނީ ދިވެހި ދަޢުލަތަށް 50 އަހަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައެވެ. އެގޮތުން 1953 އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވީ 2008ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ