އުމަރު ޒާހިރުގެ ކަށުނަމާދު ހުޅުމާލޭ ސަހަރާގަ، ފަސްދާނުލަނީ ގަލޮޅު ސަހަރާގައި

އުމަރު ޒާހިރުގެ ކަށުނަމާދު ހުޅުމާލޭ ސަހަރާގަ، ފަސްދާނުލަނީ ގަލޮޅު ސަހަރާގައި

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2021 05:03
0

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، މާފަންނު މެރީގޯލްޑް ޢުމަރު ޒާހިރުގެ ކަށު ނަމާދާއި މޫނު ދެއްކުން ހުޅުމާލޭ ސަހަރާގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އުމަރު ޒާހިރު އަވަހާރަވީ، ކޯވިޑަށް ފަރުވާ ދެމުންދަނިކޮށް، މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އުމަރު ޒާހިރުގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު ހުޅުމާލޭ ސަހަރާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކަށު ނަމާދަށްފަހު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައެވެ.

އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ، ދައުލަތަށް 50 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ޙަވާލުކުރެއްވި ކޮންމެ މަގާމެއްގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެކެވެ. އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ޚާދިމެކެވެ. ޚިދުމަތުގެ ތެރެއިން މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެކެވެ. ޤައުމީ ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލައްވައި، ފޯރިއާއި ޖޯޝާއެކީގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ޝަޚްޞިއްޔަތެކެވެ.

ޢުމަރު ޒާހިރު، އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ. ޢުމަރު ޒާހިރަކީ، އެވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ޙައްލުކޮށްދެއްވުމުގައި، އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޢުމަރު ޒާހިރު، ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ، މިއަދު މުޅި ޤައުމު ފަޚްރުވެރިވާނެ ޚިދުމަތްތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނ
އެއްވެސް ނަމާދެއް ސަހަރައިގާ ކުރޭތަ؟