ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖެއަށް ދޭދޭ ޤައުމުތަކާއި އޮތް ގުޅުން ހީނަރުކޮށް، ރައްޔިތުންނަށް ނިކަމެތިކަން ކުރިމަތި ކުރުމަށް ހިންގާ ހަރަކާތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ދައުރުން ބޭރުގައި މިއަދު މަޖިލީހުގައި ބަންގްލަދޭޗްގެ ބޮޑު ވަޒީރު ޝައިޚު ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއިމެދު މެމްބަރުންގެ ރުހުން ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖެއަކީ ދޭދޭ ޤައުމުތަކާއި ގުޅުން ބަދަހި، ރަނގަޅު ގުޅުންތަކެއް އޮތް ޤައުމެއްކަމަށެވެ. ޚާއްސަކޮށް އިންޑިއާއާއިއަކީ ރާއްޖޭގެ އެތައް ރައްޔިތުން ބޭސްފަރުވާއާއި، ތައުލީމާއި އެނޫންވެސް ކަންކަން ފުއްދުމަށް ދަތުރު ކުރާ ޤައުމެއްކަމަށެވެ.
ނަމަވެސް ކުއްލިއަކަށް ކުރީގެ ރައީސަކު "އިންޑިއާ އައުޓް"ގެ ނަމުގައި އަމިއްލަ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް މަގުތަކަށް ނިކުންނަވައިގެން ހިންގަވަމުންދާ ހަރަކާތަކީ އެކަމުން ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ނިކަމެތި ގޮތްތައް ކުރިމަތި ކުރުމަށް ރޭވިގެން ހިންގާ ހަރަކާތެއްކަމަށް އާޒިމް ސިފަކުރެއްވިއެވެ.
ރައީސް ޔާމީނަކީ މިހާރުވެސް ގިނަ މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ދައުވާތަކެއް އުފުލިފައިވާ ބޭފުޅަކަށްވާއިރު، ރާއްޖޭގެ ޚާރިޖީ ގުޅުންތަކުގެ ތެރެއަށްވަދެ، ރައްޔިތުންނަށް ނިކަމެތި ގޮތްތައް ކުރިމަތި ކުރުވަން އިތުރަށް މަސައްކަތް ކުރުމަކީ ބަލައިގެން ތިބެވޭނެ ކަމެއްނޫންކަމަށް އާޒިމް ވިދާޅުވިއެވެ.
ޔާމީން އިސްވެ ހުންވައިގެން ކުރައްވާ މަސައްކަތަކީ ސަރުކާރަށް ޖެއްސުމެއްނޫން. އާންމު ރައްޔިތުންނަށް ތަކުލީފް ޖެއްސުމަށް މަސައްކަތް ކުރަމުންދަނީ. ރައީސް ޔާމީނަކީ މިހާރުވެސް ގިނަ މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ބޭފުޅަކަށްވާއިރު، މިފަދަ ބޭފުޅަކު ދޭދޭ ޤައުމުތަކާއި ޖައްސައި ރައްޔިތުންނަށް ދަތި ކުރުމަށް މަސައްކަތް ކުރަމުންދާކަމީ ނުހަނު ދެރަވަރު ކަމެއް.
– އާޒިމް ވިދާޅުވިއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މިހާރު ފުޅަކުރަމުން އަންނައިރު ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައިވެސް އެ ކެމްޕެއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން މާލެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްވަމަުން ރައީސް ޔާމީން ވަނީ އިންޑިއާ އައުޓާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމިން ވިދާޅުވީ، އިންޑިއާ އައުޓޭ ނުކިޔުނު ނަމަވެސް އިންޑިއާ މިލިޓަރީ އައުޓޭ ކިޔުމަކީ އެމަނިކުފާނަށްވެސް މައްސަލައެއް ނޫންކަންކަމެވެ. އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތާޢީދު ނުކުރެއްވިނަމަވެސް އެ ގޮވާލުމަށް ރައީސް ނަޝީދު ތާޢީދުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ގޮވާލައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ބޭނުންތައް ފުއްދުމަށް އެހީތެރިވެދޭ ޤައުމެއް ނަމަވެސް އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ގޮތަށް ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާން ޖެހޭ ސަބަބެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ