އެމްޓީސީސީގެ މިހާރުގެ ސީއީއޯ އާމާދަމް އާޒިމްއާއި، އެކުންފުނި ހަވާލު ކުރެއްވީ ވަރަށް ޔަގީންކަމާއި، އިތުބާރާއި އެކުގައިކަމަށާއި، މިއަދު ނަތީޖާ ފެންނަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އެމް.ޓީ.ސީ.ސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިޖަލްސާގައި ފާއިތުވެދިޔަ 2 އަހަރު އާޒިމްގެ ލީޑަރޝިޕްގެ ދަށުން އެމްޓީސީސީން ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދާފައިވާކަން ފާހަގަކޮށް، އާޒިމަށް ޝުކުރު ދަންނަވާފައެވެ. އަދި މި ދެއަހަރަކީ އެމްޓީސީސީގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ދެ އަހަރުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުންފުނީގެ އިސްވެރިޔަކަށް އާދަމް ހަމަޖައްސެވުމަށް އަޅުގަނޑު ބައްދަލުކުރި ދުވަހު، އަޅުގަނޑު ދެއްކި ވާހަކަތައް ވަރަށް ރަނގަޅަށް އެ ވިދާޅުވެދެއްވީ. އަޅުގަނޑު އާދަމާ ކުންފުނި ހިންގުމާ ޙަވާލުކުރީ ޔަޤީންކަމާއި އިތުބާރާއެކު. އެބޭފުޅާ އެ ގެންދަވަނީ، އެ ކަންތައްތައް ޢަމަލީގޮތުން ދައްކަވަމުން. އަދިވެސް އެއްފަހަރު އާދަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
– ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އެމް.ޓީ.ސީ.ސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމުގައި ވިދާޅުވެ، އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، 3 އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިއަދު އެމްޓީސީސީން ރައްޔިތުންގެ ލާބަޔަށް ހިންގަވަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުން ރައްޔިތުންގެ އިތުބާރާއި ލޯބި އެމްޓީސީސީއަށް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމް.ޓީ.ސީ.ސީ.އޭ ބުނުމުން، މިއަދު އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް. ހަމަގައިމުވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް. އެއީ، މި ކުންފުންޏާ ޙަވާލުކުރާ ކޮންމެ މަޝްރޫޢެއްވެސް، އޭގެ އެންމެ ރަނގަޅު ފެންވަރުގައި، ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން. މިއީ މިއަދުއެމް.ޓީ.ސީ.ސީ.އާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަޤީންކަން. ރައްޔިތުންގެ ހިތްތަކުން އެމް.ޓީ.ސީ.ސީ.ވަނީ އިތުބާރާއެކު ޖާގަ މިއަދު ހޯދާފައި.
– ރައީސް ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަކަމަށާއި، ޚާއްޞަކޮށް އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑުކަން ފާހަގަކުރައްވާފައެވެ.