އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް އާސެނަލް އިން ހަތަރު ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ، 1-4 ގެ ނަތީޖާއަކުންނެވެ.
އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އާސެނަލް ޓީމުންނެވެ. މި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ގަބްރިއެލް މާޓިނެއްލީއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި މާޓިނެއްލީ ވަނީ އިތުރު ލަނޑެއް ޖަހާ އާސެނަލް އަށް ލީޑު ފުޅާކޮށްދީފައެވެ. އާސެނަލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ، ބުކާޔޯ ސަކާއެވެ.
މި މެޗުގައި ލީޑްސް ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެއެވެ. މެޗުގެ 75 ވަނަ މިނެޓުގައި މި ޕެނަލްޓީ ލީޑްސްއަށް ކާމިޔާބުކޮށްދިނީ، ރަފިނިއާއެވެ. މެޗުގައި އާސެނަލުން ޖެހި ހަތަރު ވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެމީލް ސްމިތު ރޯވްއެވެ.
ލީޑްސް ޔުނައިޓެޑް އަތުން ހޯދި 3 ޕޮއިންޓާއެކު އާސެނަލް މިވަގުތު އޮތީ، 18 މެޗުން ލިބުނު 32 ޕޮއިންޓާއެކު ލީގު ތާވަލްގެ 4 ވަނައިގައެވެ. މި މެޗުން ބަލިވި ލީޑްސް ޔުނައިޓެޑް އޮތީ 18 މެޗު ކުޅުގެން ލިބުނު 16 ޕޮއިންޓާއެކު 16 ވަނައިގައެވެ.