ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޗެލްސީ އެއްވަރުވިއިރު، ނިއުކާސަލް އަތުން ލިވަޕޫލަށް މޮޅެއް

ޗެލްސީ އެއްވަރުވިއިރު، ނިއުކާސަލް އަތުން ލިވަޕޫލަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން ޗެލްސީ އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ލީގުގައި ރޭ ޗެލްްސީ އާއި އެވަޓަން ވާދަކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލް ނިއުކާސަލް އަތުން މޮޅުވީ އެޓީމުން ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި 3 ލަނޑު ޖަހައި، 1-3 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ދަނޑު ސްޓެމްފޯޑްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެވަޓަން އިން ވަނީ ޗެލްސީން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މޭސަން މައުންޓްއެވެ. މައުންޓް ޖެހި މި ލަނޑާއެކު ޗެލްސީއަށް ލީޑުގައި އޮވެވުނީ އެންމެ 4 މިނެޓެއެވެ. އެވަޓަން އިން ވަނީ މެޗުގެ 74 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެވަޓަން އަށް ކާމިޔާބުކޮށްދިނީ، ޖަރާޑް ބްރަންތުވެއިޓްއެވެ. މިއީ އޭނާ ލީގުގައި ޖެހި ފުރަތަމަ ލަނޑެއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ލިބުނު 37 ޕޮއިންޓާއެކު ޗެލްސީ އޮތީ ތިންވަނައިގައެވެ. އެވަންޓަން 14 ވަނައިގައި އޮތީ 17 މެޗު ކުޅެގެން ލިބުނު 19 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި ލިވަޕޫލުން ވަނީ ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް، ލީގު ތާރީހުގައި އެންމެ ފުރަތަމަ 2000 މޮޅު ހަމަކުރި ޓީމުގެ ރެކޯޑް ލިވަޕޫލުން ގާއިމްކޮށްފައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ނިއުކާސަލް އަށް ކާމިޔާބުކޮށްދިނީ ޖޮންޖޯ ޝެލްވީއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ގާތްގާތުގައި 2 ލަނޑު ޖަހައި މެޗުގެ ނަތީޖާ ލިވަޕޫލް ކޮޅަށް އަނބުރާލާފައެވެ. އެގޮތުން ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 21 ވަނަ މިނެޓުގައި ޖޮޓާ ކާމިޔާބުކޮށްދިންއިރު، ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. އޭނާ މި ގޯލު ޖެހީ އޭރިއާބޭރުންނެވެ.

މި މެޗުން މޮޅުވެ ހޯދި 3 ޕޮއިންޓާއެކު ލިވަޕޫލް އަދިވެސް އޮތީ ލީގުގެ 2 ވަނައިގައެވެ. އެއީ 17 މެޗުން ލިބުނު 40 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތީ 17 މެޗުން ލިބުނު 41 ޕޮއިންޓާއެކުއެވެ. ލިވަޕޫލް އަތުން ބަލިވި ނިއުކާސަލް ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ ފުލުން 2 ވަނައިގައި 10 ޕޮއިންޓާއެކުއެވެ.

ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީ އާއި ޓޮޓެންހަމް ވާދަކުރަން އޮތް މެޗު ވަނީ ފަސްކޮށްފައެވެ. ސަބަބަކީ ދެ ޓީމުންވެސް ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމުންނެވެ. އަދި މިރޭ ކުޅެން ހަމަޖެހިފައި އޮތް ހަތަރު މެޗެއްވެސް ވަނީ ޕްރިމިއާ ލީގުން ފަސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *