ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ކްރިސްޓިއަނުން، އެބައިމީހުންދެ ދީނީ ޢަޤީދާގައިވާ ގޮތުގެ މަތިން އެމީހުން ދެކޭ ކަލާނގެ، ނުވަތަ ކަލާނގެ ދަރިކަލުން، ޢިސާޢަލައިހިއްސަލާމް ދުނިޔެއަށް އުފަންވެވަޑައިގަތުމުގެ އުފާ ފާޅުކުރާ ދުވަހެވެ.
އެމީހުންދެކޭ ގޮތުން ޢީސާގެފާނަކީ ﷲ ގެ ދަރިކަލެކެވެ! އިލާހެކެވެ! އެބައިމީހުން ޢީސާގެފާނަށް ޙައްޤުނޫން ތަޤްދީސްކޮށް މަތިވެރިކޮށް އަޅުކަންކުރެއެވެ. ނަޢޫޒު ބިއްލާހި! ކްރިސްޓިއަނުން ޢީސާގެފާނު މަތިވެރި ކުރުމުގައި ހައްދުފަހަނައަޅައިގޮސް، އެކަލޭގެފާނަށް އަޅުކަންކުރަނީ ފަހަރެއްގައިވެސް އެކަލޭގެފާނު އެފަދަ ކަމަކަށް ގޮވާލައިގެނެއް ނޫނެވެ.
ވިސްނަވާށެވެ! ކްރިސްޓިއަނުން ވަނީ އެބައިމީހުންނަށް ﷲ ބާވައިލެއްވި ދީން ބަދަލުކޮށްފައެވެ. އިންޖީލު ބަދަލުކޮށްފައެވެ. ޚުދު އިންޖީލު، އާދެ ބައިބަލްގެ ވެސް 30 އަށްވުރެ ގިނަ ވާޝަންސް މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ގެންގުޅެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވާ މިބަސްފުޅުތައް ނިކަން ވިސްނަވާށެވެ! (وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِن دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾ ) سورة المائدة މާނައީ: "اللَّه، وحى ކުރެއްވި ހިނދު، ހަނދުމަ ކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ! اللَّه ފިޔަވައި، ތިމަންނާއާއި، ތިމަންގެ މައިކަނބަލުންނީ، ދެ إله ން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! ބުނުމުގެ حق މިއަޅާޔަށް ލިބިގެންނުވާ ބަހެއް ބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސް ބުނިނަމަ، އިބަރަސްކަލާނގެ އެކަން ދެނެވޮޑިގެން ވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގައި ވާކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ވަންހަނާގައި ވާހައި ކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ، މިއަޅާއަށް أمر ކުރައްވާފައިވާ އެއްޗެއް މެނުވީ، މިއަޅާ އެއުރެންނަކަށް ނުބުނަމެވެ. (ބުނީ) ތިމަންގެވެރި، އަދި ތިޔަބައިމީހުންގެވެސް ވެރި، اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށޭ އެވެ. އެއުރެންގެ ތެރޭގައި، މިއަޅާ ހުރިހައި ހިނދަކު، އެއުރެންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވީމެވެ. ދެން އިބަރަސްކަލާނގެ، މިއަޅާ ގެންދެވިހިނދު، އެއުރެންގެ މައްޗަށް ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި، އިބަރަސްކަލާނގެ ވޮޑިގެންވީމުއެވެ. އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. "
އިސްލާމީދީނުގެ ތަޢުލީމާތުގައި ޢީސާގެފާނަކީ ﷲ ގެ ޙައްޤު ރަސޫލެކެވެ. ނަބިއްޔެކެވެ. އިންސާނެކެވެ. ﷲ ގެ އަޅެކެވެ. ދަރިކަލެއް ނޫނެވެ. ﷲ ތަޢާލާއަށް ދަރިއެއް ވާކަމަށް ނިސްބަތް ކުރުމަކީ އިސްލާމްދީނުގައި ސާފު ކުފުރުގެ ޢަމަލެކެވެ. އެކަމެއް މުސްލިމުން ނުކުރާނެއެވެ.
ކަންމިހެން އޮތްއިރު އަޅުގަނޑުމެން މުސްލިމުން، އެބައިމީހުންގެ ކަލާނގެ ކަމަށް ދެކޭފަރާތެއްގެ އުފަންދުވަހުގެ އުފަލުގައި ބާއްވާ ޙަފްލާތަކުގައި އެބައިމީހުންނަށް މަރްޙަބާ ކިޔައި، އެއުފުލައިގައި ބައިވެރިވެ ހަދާނީ ކިހިނަކުން ހެއްޔެވެ؟!
އެއީ އަޅުގަނޑުމެންގެ ދީނީ ޢަޤީދާއާއި ސީދާ ސީދާގޮތުން ފުށުއަރާކަމެވެ. އަޅުގަނޑުމެން ޤަބޫލުކުރަނީ ﷲ އެއްކައުވަންތަ ކަމަށެވެ. ދަރިކަލެއް ނެތްކަމަށެވެ. ﷲ އީ މަޚުލޫޤުންނާއި މުޅިން ތަފާތު ފަރާތެއްކަމަށެވެ. މިއީ މުސްލިމުންގެ އީމާންކަމެވެ. މުސްލިމުންގެ ޢަޤީދާއެވެ. މާދިގުވެދާނެތީ މިހާހިސާބަށް ކުރު ކޮށްލަމެވެ. ލިޔުން ކިޔުއްވީތީ ޝުކުރު ދަންނަވަމެވެ.
އެޑިޓަރުގެ ނޯޓް: މިއީ މުސްލިމުން ކްރިސްމަސް ފާހަގަ ކުރުމާއި ގުޅޭގޮތުން، އައްޝައިޚް ޢަލީ ޒައިދު ތައްޔާރު ކުރައްވާފައިވާ ކުރު ލިޔުންކޮޅެކެވެ! ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.