އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް ޢިލްމީ ދިރާސާތައް ކުރުން މުހިންމު: ނާއިބު ރައީސް

އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް ޢިލްމީ ދިރާސާތައް ކުރުން މުހިންމު: ނާއިބު ރައީސް

Author
މުޙައްމަދު ޖިމީ
04 ނޮވެމްބަރ 2020 07:25
0

ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކުރާ އުސޫލުން، ޢިލްމީ ދިރާސާއަކީ އެކި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި އިސް ދައުރެއް އަދާކުރާ މުހިންމު ވަސީލަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ "ދަ މޯލްޑިވްސް ނޭޝަނަލް ޖަރނަލް އޮފް ރިސަރޗް" (އެމް.އެން.ޖޭ.އާރު) ގެ ކޯވިޑް-19 އާގުޅޭ ޚާއްޞަ ޢަދަދު ނެރެދެއްވުމަށްޓަކައި އެ ޔުނިވަރސިޓީގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދިރާސާކުރުމުގެ ދާއިރާގެ މުހިންމުކަން ފާހަގަކުރައްވާ ވިދާޅުވީ، ޤައުމީ ޔުނިވަރުސިޓީން މި ދާއިރާ ކުރިއަރުވަން ބަހައްޓާ އަހައްމިއްޔަތުކަމާމެދު އުފާކުރައްވާ ކަމުގައެވެ. އަދި، މިފަދަ ދިރާސާތަކުން އެއްކުރެވޭ މަޢުލޫމާތާއި ހޯދުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ފައިދާކުރަނިވި، އަދި ޤައުމު ބިނާކުރުމުގެ މަސައްކަތަށް މުހިންމު، ލާބައާއި މަންފާ ކުރަނިވި މަޢުލޫމާތުތަކެއް ކަމުގައެވެ.

‎އެކި މީހުންނަށް މާތް ރަސްކަލާންގެ މިންވަރުކުރައްވަނީ އެކި ކަންތައްތައް. އެއް ބައިމީހުންނަށް ޢިލްމު، އަނެއްބައި މީހުންނަށް ތަނަވަސްކަން، އަނެއްބައި މީހުންނަށް ވަރަށް އޯގާތެރި ބޮޑު ހިތެއް. އެހެންވީމާ، އެ މީހަކަށް އެ ލިބިފައިވާ ނިޢުމަތެއްގެ އެންމެ ރަނގަޅު ބޭނުންހިފުމަކީ އަބަދުވެސް އަހަރެމެން ގަދައަޅާ މަސައްކަތްކުރަންޖެހޭނެ ކަމެއް،

-ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ.

‎މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމާ ޤައުމު ކުރިމަތިލީ، މި ބަލިން ރައްކާތެރިވެ ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކާއި ކަން ކުރަންޖެހޭ ގޮތުގެ އެންމެ ފުރިހަމަ މަޢުލޫމާތު ނެތި ކަމުގައެވެ. އަދި، މިހާރު އެކި ގޮތްގޮތުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި، މި ބަލިން ރައްކާތެރިވުމަށް އަމަލުތައް ބަހައްޓަންޖެހޭނެ ގޮތާއި، އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎މިއަދު ބޭއްވި ހަފުލާގައި "ދަ މޯލްޑިވްސް ނޭޝަނަލް ޖަރނަލް އޮފް ރިސަރޗް" (އެމް.އެން.ޖޭ.އާރު) ގެ ކޯވިޑް-19 އާގުޅޭ ޚާއްޞަ ޢަދަދު ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މިހަފުލާގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދުގެ އިތުރުން އެ ޔުނިވަރުސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.