އެމްޑީޕީގެ ސުޕަރ މެޖޯޜިޓީ އޮތް މަޖިލީހުން އައްޔަންކުރި އޭސީސީގެ ހުރިހާ މެންބަރުން އެއްފަހަރާ ވަކިކުރުމަކީ ޚުދުމުހުތާރުކަން ހައްދުފަހަނައަޅަފައިވާކަން ހާމަކޮށްދޭކަމެއްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، މަޖިލީހުގެ ތިންވަނަ ދައުރު ނިންމާލާ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރެއްގައި އޭސީސީގެ މެންބަރުން ވަކިކުރުމަށް ޚާއްޞަކޮށްގެން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މާދަމާއަށް ތަޢާވަލުކުރުމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ބޭނުންގޮތަށް މިނިވަން މުއައްސަސާތަކުން ރެޕޯޓް ނުނެރުމުން އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތުމުން އެ މުއައްސަސާތަކަށް ބިރުދައްކަމުން ދާކަމަށެވެ. އެމްޑީޕީ ސަރުކާރުން އައްޔަންކުރި އޭސީސީގެ ހުރިހާ މެންބަރުން އެއްފަހަރާ ވަކިކުރުމަކީ ޚުދުމުހުތާރުކަން ހައްދު ފަހަނައަޅަފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭސީސީގެ މެންބަރުން މަޤާމުން ވަކިކުރުމަށް މާދަމާ ޖަލްސާއެއް ބާއްވަން ތަޢާވަލުކޮސްފައިވާއިރު މިހާތަނަށް ވަނީ ފަސް މެންބަރުން ހިމެނޭ އޭސީސީން ދެ މެންބަރަކު އިސްތިއުފާދެއްވާފައެވެ.
އޭސީސީގެ މެންބަރުންގެ މަސައްކަތާމެދު އެމްޑީޕީގެ މަޖިލިސް މެންބަރުން ނުރުހުން ފާޅުކުރައްވާ މަޖިލީހުގައި ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ އަޣްލަބިއްޔަތު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ މެންބަރުން ވަކިކުރުމަށް ފާސްކޮށްފައެވެ.
އޭސީސީގެ 5 މެމްބަރުންގެ ތެރެއިން މިހާތަނަށް އިސްތިއުފާދެއްވާފައިވަނީ ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލްއެވެ. މިވަގުތު ކޮމިޝަންގައި ތިއްބެވީ، އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު ޢާއިޝަތު ޢަބްދުﷲއެވެ.
ކޮމެންޓު ފޮނުވާ