ޔާމީންގެ ޠަބީޢަތަކީވެސް އޮޅުވާލުމާއި ޚިޔާނާތްތެރިވުން: މޫކޭ

ޔާމީންގެ ޠަބީޢަތަކީވެސް އޮޅުވާލުމާއި ޚިޔާނާތްތެރިވުން: މޫކޭ

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2021 10:02
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޠަބީޢަތަކީ ޠަބީޢަތަކީ އޮޅުވާލުމާއި ޚިޔާނާތްތެރިވުންކަމަށް ވިދާޅުވެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޠަތ މޫސާ އަލި މަނިކު (މޫކޭ) ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް އޭނާ ފާޑުވިދާޅުވެފައިމިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކާ ގުޅިގެން ފުލުހުންނަށް ދީފައިވާ ބަޔާންތަކެއްކަމަށް ބުނެ ދައުރުވާ ލިޔުންތަކާ ގުޅިގެންނެވެ. ފުލުހުން ވަނީ އެ ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއް ނޫންކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ރައީސް ޔާމީނަށް ފާޑުވިދާޅުވެ މޫކޭ ވިދާޅުވީ، ރައީސް ޔާމީންގެ ޠަބީޢަތަކީވެސް އޮޅުވާލުމާއި ޚިޔާނާތްތެރިވުންކަމަށެވެ. ކުރިން ފާހަގަ ހީހީފަ ދެވަނަ ގޮޅިއަށް ފުންމާ ވާހަކަކަމަށާއި މީހާރު އަނެއްކާ ފޭކު ރިޕޯޓެއްގެ ވާހަކަ ދައްކަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. 2018 ގެ ވޯޓުލީ ގޮތުގެ ހަނދާން އެންމެން ވެސް ހުންނާނެކަމަށް ވިދާޅުވެ އޭނާ ވަނީ އޮޅުވާލެވޭތޯ ކުރިކަމެއް ކުރީ މުލިއާގޭގައި ހުރި އޮފީހުން ޕީޕީއެމްގެ ކުދިންކޮޅު ނޫންތޯ ސުވާލުކުރައްވާފައެވެ.

2018ގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުންނަށް ދީފައިވާކަމަށް ބުނެ ދައުރުވާ ލިޔުންތައް ދޮގުކޮށް ފުލުހުން ރޭ ނެރުނު ބަޔާނުގައި ވަނީ އެލިޔެކިޔުންތަކަކީ ފުލުހުންގެ ލިޔެކިޔުންތަކެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްޙަނޫން ލިޔުންތަކެއްކަމަށެވެ.

އޭގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް އެބަހުރިކަމަށާ، ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" މިނަމަކީ 2020ވަނަ އަހަރު ތަސްދީޤުކުރި ގާނޫނު ނަންބަރު 2020/34 ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް ޢަމަލުކުރަން ފެށުމާގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއްކަމަށެވެ. އަދި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، މިއީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންގެ ޚިދުމަތަށްއޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ބަޔަކު ހަދާފައިވާ ލިޔުންތަކެއްކަމުގައި ދެކޭކަމަށާ، އެއީ ޤަވާޢިދާ ޚިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުންތަކެއްކަމަށްވާތީ އެމައްސަލަ ތަހުގީގު ކުރާނެކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.