އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ދާއިރު، އިންތިޚާބު ވަގަށްނަގަން އުޅޭކަމުގެ ތުހުމަތު ކުރައްވާ، މައްސަލަ ހިއްޕަވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިވިއެވެ.
އިންތިޚާބުގެ ކުރިންވެސް ގިނަ ބަޔަކު ހީކޮށްފައިވާ ގޮތަށް، ޓްރަމްޕް ތުހުމަތު ކުރައްވާފައިވަނީ، އިންތިޚާބު އިންސާފްވެރި ނޫންކަމަށެވެ.
މިއަދު ގައުމާ މުޚާތަބްކޮށް ވާހަކަދައްކަވަމުން އިންތިޚާބު އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، ޑިމޮކްރަޓިކް ޕާޓީގެ މައްޗަށް ޓްރަމްވަނީ ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި، ވޯޓު ފޮށިތައް ބަންދުވާފަހުން ވޯޓު ލުމުގެ ފުރުސަތު ދިނުންވެސް ހިމެނެއެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާ ހުންނެވީ މިއަދު ހަވީރު އިންތިޚާބު ކާމިޔާބުވިކަން އިއުލާންކޮށް އުފާ ފާޅުކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިގެންނެވެ. އަދި ކުއްލިއަކަށް މިހުރިހާ ހަރަކާތެއް މިހާރު ހުއްޓަވާލައްވަން ޖެހިވަޑައިގެންފައިވަނީ، އިންތިޚާބު އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މިމޭރުމުން ވާހަކަ ދައްކަވާ، ގައުމާ މުޚާތަބު ކުރެއްވުމުގެ ކުރިން، ޑިމޮކްރަޓިކް ޕާޓީން އިންތިޚާބު ވަގަށް ނަގަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ކުރައްވާ ޓްރަމްވަނީ ޓުވީޓުވެސް ކުރައްވާފައެވެ. އަދި އެ ޓުވީޓުގައި ޓްރަމްޕް ވިދާޅުވެފައިވަނީ އިންތިޚާބު ވަގަށް ނެގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ތަކުރާރަު ކުރެއްވިއެވެ.
މިއަދުގެ ހެދުނުގެ ވަގުތެއްގައި ޖޯ ބައިޑްންވެސް ވަނީ ތާއީދު ކުރާ ފަރާތްތަކާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ. މިވާހަކައިގައި ބައިޑްންވެސް ވިދާޅުވެފައި ވަނީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އޭނާ ވަނީ ތާޢީދުކުރާ ފަރާތްތަކުން ކެތްތެރިވެ ތިއްބެވުމަށް ގޮވާލައްވާފައެވެ.
ގިނަ ސްޓޭޓްތަކުގެ ނަތީޖާ އިއުލާން ކުރެވިފައިވާއިރު، ދެކެނޑިޑޭޓުންވެސް ވާދަކުރަމުންދަނީ އެއް ކެޑިޑޭޓަކަށް އަނެއް ކެޑިޑޭޓެއްގެ މައްޗަށް ކާމިޔާބު އިއުލާން ކުރެވޭވަރަށްވުރެ ކައިރިންކަން ފާހަގަ ކޮށްލެވެއެވެ.
އިންތިޚާބުގެ ނަތީޖާ ނުކުންނަމުން ދާގޮތަށް ބަލާއިރި ދެ ކެޑިޑޭޓުންވެސް ވަނީ އިލެކްޓޯރަލް ވޯޓުތައް ގިނަ ބޮޑެތި ސްޓޭޓްތައް ކާމިޔާބު ކުރައްވާފައެވެ. ގިނަ ސްޓޭޓްތަކުގެ %80 އަށްވުރެ މަތިން ނަތީޖާ ވަނީ އިއުލާން ކުރެވިފައެވެ.
މިގޮތުން ޖޯބައިޑްން ވަނީ އިލެކްޓޯރަލް ވޯޓު އެންމެ ގިނަ ސްޓޭޓްކަމަށްވާ ކެލިފޯނިއާ ކާމިޔާބު ކުރައްވާފައެވެ. މި ސްޓޭޓް ކާމިޔާބުކުރާ ކެޑިޑޭޓަކަށް 55 އިލެކްޓޯރަލް ވޯޓު ލިބިގެން ދާނެއެވެ. ގޯލްޑަން ސްޓޭޓްގެ ގޮތުގައި މަޝްހޫރުވެފައިވާ މިސްޓޭޓް 2016 ވަނަ އަހަރު ކާމިޔާބު ކުރެއްވީ އޭރު ޓްރަމްޕާއި ވާދަކޮށް ހިލަރީ ކްލިންޓަނެވެ.
މީގެއިތުރުންވެސް ބޮޑެތި ބައެއް ސްޓޭޓްތައް ބައިޑްން ކާމިޔާބު ކުރައްވާފައި ވެއެވެ. މީގެތެރޭގައި ނިޔޯކު ސިޓީ އަދި ވޮޝިންގޓަން ސްޓޭޓުވެސް ހިމެނެއެވެ. މިގޮތުން ވޮޝިންގޓަން ސްޓޭޓު ކާމިޔާބު ކުރައްވާ ބައިޑްވަނީ އެސްޓޭޓްގެ 12 އިލެކްޓޯރަލް ވޯޓުވެސް ކާމިޔާބު ކުރައްވާފައެވެ. އަދި 11 އިލެކްޓޯރަލް ވޯޓު ހިމެނޭ އެރިޒޯނާގަވެސް ކުޑަ ތަފާތަކުން ކުރީގަ އުޅުއްވަނީ ޖޯ ބައިޑްންއެވެ.
ވާދަވެރިކަން ބޮޑުކަމަށް ފާހަގަ ކުރެވޭ ބައެއް މުހިންމު ސްޓޭޓްތައް ޓްރަމަޕްވެސް ވަނީ ކާމިޔާބު ކުރައްވާފައެވެ. މިގޮތުން 18 އިލެކްޓޯރަލް ވޯޓު ހިމެނޭ އޮހާއޯގެ %80 ވޯޓު ގުނާ ނިމިފައި ވާއިރި، ކުޑަ ތަފާތަކުން މިސްޓޭޓުގައި ކުރީގައި އުޅެނީ ޑޮނަލްޑް ޓްރަމްޕެވެ. އަދި 29 އިލެކްޓޯރަލް ވޯޓު ހިމެނޭ ފްލޮރިޑާވެސް ޓްރަމްޕް ވަނީ ކާމިޔާބު ކުރައްވާފައެވެ.
އަދި ދެވަނައަށް އިލެކްޓޯރަލް ވޯޓު އެންމެ ގިނަ ސްޓޭޓް ކަމަށްވާ ޓެކްސަސްގެ %87 ވޯޓު ގުނާ ނިމިފައި ވާއިރު މި ސްޓޭޓުގައިވެސް ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. ޓެކްސަސްއަކީ 2016 ވަނަ އަހަރުވެސް ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓެކެވެ.
މިހާތަނަށް އާންމު ކުރެވުނު ޖުމްލަ ނަތީޖާއަށް ބަލާއިރު ޖޯ ބައިޑްން 220 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވާފައިވާއިރު، ޓްރަމްޕަށް ކާމިޔާބު ކުރެވިފައިވަނީ 213 އިލެކްޓޯރަލް ވޯޓެވެ.
ގިނަ ސްޓޭޓްތަކުގައި މިހާރު ނުގުނި ހުރި ވޯޓުތަކަކީ ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތަކަށް ވާއިރު، މިވޯޓުތައް ގުނާނިމޭއިރު، ބައިޑްންއަށް ލިބިފައިވާ ކުރިއެރުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ މި އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ މީހުންވަނީ ދުރާލާ ވޯޓުލާފައެވެ.
އެމެރިކާގެ ރައީސް އަދި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވެމުންދާއިރު، ނަތީޖާގެ މައިގަޑު އަމާޒަކީ ކޮންމެ ކެޑިޑޭޓަކުވެސް ޔަގީން ކުރާ އިލެކްޓޯރަލް ވޯޓުގެ އަދަދު ސާފުވެގެން ދިއުމެވެ.
މިގޮތުން އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ކަޑައެޅިފައިވާ 538 އެލެކްޓޯރަލް ވޯޓުގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓު 270 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރަން ޖެހެއެވެ.
އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އިންތިޚާބުގައި ވޯޓު ލާނެ ކަމަށް ބެލެވެނީ އެމެރިކާގެ %67 ރައްޔިތުންނެވެ.