އެމްޓީޑީސީއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 5.2 މިލިއަން ރުފިޔާއަށްވުރެ %19.9 ދަށް އަދަދެކެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އާމްދަނީގެ ގޮތުގައި 881576 ޑޮލަރު ނުވަތަ 13.6 މިލިއަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 890620 ޑޮލަރު ނުވަތަ 13.7 މިލިއަން ރުފިޔާއެވެ.
އެންޓީޑީސީގެ އިދާރީ ޚަރަދުތަކަށް ތިންވަނަ ކުއާޓަރގައި 3.1 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިދާރީ ކަންތައްތަކަށް ޙަރަދުކޮށްފައިވާ އަދަދަށްވުރެ %57 އިތުރު އަދަދެކެވެ. އެމްޓީޑީސީގެ ހިންގުމުގެ ޚަރަދުގެ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 4.6 މިލިއަން ރުފިޔާ އެކުންފުނިން ވަނީ ޙަރަދުކޮށްފައެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.
ކޮމެންޓު ފޮނުވާ