އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާދީ، ކޮމިޝަންވަނީ ގާނޫނީ ހުސްކަމެއްގައި

މިނިވަން މުވައްސަސާތައް އެކަށީގެންވާ ގޮތުގަ މަސައްކަތް ނުކުރާކަން ކަށަވަރުވީ 3 އަހަރު ފަހުން؟

މިނިވަން މުވައްސަސާތައް އެކަށީގެންވާ ގޮތުގަ މަސައްކަތް ނުކުރާކަން ކަށަވަރުވީ 3 އަހަރު ފަހުން؟

ދައުލަތުގެ މިނިވަން މުވައްސަސާތަކަކީ، 2008ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް ޒަމާނީ ޑިމޮކްރަސީގެ އެންމެ މުހިންމު ތަނބުތަކެވެ. ސަބަބަކީ އާގާނޫނު އަސާސީން ދައުލަތުގެ ބާރުތަކުގެ އިންތަކާއި މިންތައް ވަކިކޮށް، ދައުލަތުގެ ތެރޭގައި ހިމެނޭ އެކި އެކި ގުނަވަންތައް ޒިންމާދާރު ކުރުވުމުގެ މުހިންމު ޒިންމާ އެ ގާނޫނު އަސާސީން މި މުވައްސަސާތަކާއި މަތިކޮށްފައި ވާތީއެވެ.

އަދި، ހަމަ އެފަދައިން 2008ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ އާގާނޫނު އަސާސީގައި މިނިވަން މުވައްސަސާތަކުގެ މަސްއޫލިއްޔަތުތައް ވަކި ބާބެއްގެ ގޮތުގައި އެކަށައަޅާފައި އޮތުމުން، ތިލަފަތް ހަމަކޮށް ދައުލަތް ހިންގުމުގައި އެގާނޫނު އަސާސީން މިނިވަން މުވައްސަސާތަކަށް ލިބިދީފައި އޮތް އަހަންމިއްޔަތުކަމާއި މުހިންމުކަންވެސް ވަރަށްވެސް ރަގަޅަށް ހާމަވާން އެބައޮތެވެ.

އެހެންކަމުން، މުޅި ދައުލަތުގެ އޮނިގަޑު އެތުރިފައި އޮތް ގޮތަށް ބަލާއިރު، މިނިވަން މުވައްސަސާތައް ފުރިހަމަ މިނިވަންކަމާއެކު ނުހިގާނަމަ، ނުވަތަ މިނިވަން މުވައްސަސާތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭނަމަ، ނުވަތަ އެ މުވައްސަސާތަކަށް ވަކި ފަރާތެއްގެ ނުފޫޒު ފޯރާނަމަ، އޭގެ ނޭދެވޭ އަސަރު ހަގީގަތުގައިވެސް ދައުލަތުގެ ހިންގުމުގެ ނިޒާމުން ފެށިގެން، ތަންފީޒީ މަރުހަލާއާއި ހަމައަށްވެސް ކުރާނޭކަމީ، ފާއިތުވެދިޔަ ސަރުކާރުންނާއި އަދި މިސަރުކާރުގައިވެސް ކަން ހިގަމުންދާ ގޮތަށް ރަގަޅަށް ނަޒަރެއް ހިންގާލުމުން ސާފުވާން އޮތް ވަރަށްވެސް ބޮޑު ހަގީގަތެކެވެ.

އާ ގާނޫނު އަސާސީން އުފެއްދި މިނިވަން މުވައްސަސާތަކަކީ ދިވެހިން ބަލައިގެންފައިވާ ޑިމޮކްރަސީގެ އެންމެ މުހިންމު ތަނބުތައް

 

3 އަހަރު ފަހުން އޭސީސީގެ މެމްބަރުން ވަކިކުރުން!

މި ސަރުކާރު ވެރިކަމަށް އައިތާ 3 އަހަރު ފާއިތު ވެގެން ދިޔައީއެވެ. 2021 ނިމި 2022 އަށް އަލި ވިލެނީއެވެ. ކުރު ގޮތަކަށް ދަންނަވަނީ ނަމަ، އަމަލީ މަސައްކަތެއް އެކަށިގެންވާ ގޮތެއްގައި ކުރުމަށް މި ދައުރުގައި ބާކީ އޮތީ އަހަރެއްހާ ދުވަސްކަމުގައި ދެންނެވިދާނެއެވެ. ސަބަބަކީ، ދައުރުގެ ފަހު އަހަރު އެއްވެސް ސަރުކާރެއްގައި، އާ މަސައްކަތެއް ފެށުމަށް، ނުވަތަ ކަންކަމަށް އަމަލީ ސިފަ ގެންނަ އަހަރެއްގެ ގޮތުގައި އިހުސާސްވެސް ނުކުރެވޭނެތީއެވެ. އެއީ ރިޔާސީ އިންތިޚާބުގެ އަހަރު ކަމުގައި ވާތީއެވެ. އެ އަހަރުގައި މުޅި ގައުމުގެ ފޯކަސް، ނުވަތަ ޝައުގާއި ފޯރި ހުންނާނީ ހަމައެކަނި ރިޔާސީ އިންތިޚާބަށް އަމާޒު ހިފާފައި ކަމަށް ވާތިވެސްމެއެވެ.

މިގޮތުން، މި ސަރުކާރުގެ ދައުރުގެ ބޮޑުބައި ކަޑައްތު ވެގެން ގޮސްފައި ވާއިރު، ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ފާއިތުވެދިޔަ ހަފްތާގައި މިވަނީ އޭސީސީގެ މެމްބަރުންގެ އިތުބާރު އެކޮމިޓީއަށް ނެތްކަމަށް ނިންމާ، މެމްބަރުން މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފައެވެ. އަދި ކޮމިޓީގެ މިނިންމުން މަޖިލީހުގެ ތަޅުމަށް ގޮސް، މެމްބަރުން މަގާމުން ވަކި ކުރުމުގެ މަރުހަލާ، މަޖިލިހުގެ ގަވާއިދު މިހާރު އޮތް ގޮތުން ކުރިޔަށް ގެންގޮސް މަގާމުން ވަކި ކުރުމާ ހަމައަށް ދާއިރު، މި މަސައްކަތް ކުރިޔަށް އޮތް އަހަރުގެ މެދަކާ ހިސާބަށް ދާނޭކަމަށް ހިސާބު ޖަހަން ޖެހެއެވެ.

ސަބަބަކީ، މިވަގުތު މަޖިލިސް ރިސެސްއަށް ގޮސްފައި އޮތުމާއެކު، އާދައުރަށް ފެށި، ދެން ކުރިޔަށް ގެންދާން ޖެހޭ މަރުހަލާއަށް ބަލާއިރު، އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރެވި، ޖަވާބުދާރީ ވާން ފުރުސަތުވެސް ދެވި، ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވާ، މެމްބަރުން ވަކި ކުރެވި، އާ މެމްބަރުން އައްޔަން ކުރުމާ ހަމައަށް ދާއިރު، މިއީ މިކަމަށް މަސްތަކެއް ހޭދަނުކުރެވި ނިންމިދާނެ މަރުހަލާއެއްކަމަށް ނުބެލެވޭތީއެވެ.

އޭސީސީގެ މެމްބަރުން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ޖަވާބުދާރީ ވަނީ

އެހެންކަމުން، ސުޕަރ މެޖޯރިޓީއަށް އޭސީސީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ގަބޫލު ކުރެވި، އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރަން ޖެހިއްޖެކަމަށް ފަހުމްވާން ރިޔާސީ ދައުރެއްގެ 3 އަހަރު ހޭދާވަން ޖެހުނު ގޮތް، މިއީ މިއަދު ގިނަ ބަޔަކު ޖަވާބު ހޯދަން ބޭނުންވެފައިވާ ސުވާލަކަށް މިވަނީ ވެގެން ގޮސްފައެވެ.

ސަބަބަކީ، އޭސީސީގެ މެމްބަރުން މަގާމުން ވަކިކޮށްގެން، ދެން އައްޔަން ކުރާ މެމްބަރުންނަށް، ލަސްވެގެން ގޮސްފައިވާކަމަށް ސުޕަރ މެޖޯރީއަށް ފާހަގަ ކުރެވޭ މައްސަލަތައް، އެ ވިދާޅުވާހާ އަވަސް މިނުގައި ނިންމިދާނެ ކަމާމެދު އޮތީ ކޮން ޔަގީންކަމެއްތޯ އުފެދޭ ސުވާލަށްވެސް ޖަވާބެއް ފެންނާން ނެތުމުންނެވެ. އަދި ހަމައެއާއެކު، އޭސީސީގައި، ފުނިޖެހިފައި ހުރިކަމަށް ބުނާ މައްސލަތައް ނުނިމި ދިގުލައިގެން ގޮސްގެން އުޅެނީ ހަގީގަތުގައިވެސް މިހާރު ތިއްބެވި މެމްބަރުންގެ ކަންނެތް ކަމުންތޯ ނުވަތަ، އެމެމްބަރުން ގަސްތުގައި މައްސަލަތަކުގައި އަތް އަޅުއްވައިގެންތޯ މިއީވެސް ޖަވާބު ފުރިހަމައަށް ހޯދިފައި ނުވާ އަދި މި ސުވާލުގެ ޖަވާބު ސުޕަރ މެޖޯރިޓީއަށްވެސް އެކަށީގެންވާ ގޮތެއްގައި ނުދެއްވޭ ސުވާލަކަށް ވާތީވެސްމެއެވެ.

 

ކޮމިޝަންގެ މެމްބަރުންގެ ޝަކުވާވެސް އެބަހުރި!

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖީލީހުގެ މެމްބަރުންގެ މެދުގައި، އޭސީސީއާއި ގުޅެގޮތުން ކަންބޮޑުވުން އޮވެގެން، އެކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް، ދައުރެއް ނިމުމާއި ގާތަށް ގޮސްފައިވަނިކޮށް މަސައްކަތް ފެށިއިރު، އެ ކޮމިޝަންގެ މެމްބަރުންގެ ޝަކުވާތައްވެސް ހުރިކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

މަޖިލިހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމި ނިންމުމާ ގުޅިގެން، އެކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ، ކޮމިޝަނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ދޭން ޖެހޭ ކަމުގައެވެ.

އަދި މިހާރު އޮތް ކޮމިޝަންގެ މެމްބަރުން ވަކިކޮށް އާ މެމްބަރުންތަކެއް އައްޔަން ކުރި ކަމުގައިވީނަމަވެސް މިނިވަން ކަމާއިއެކު މަސައްކަތްކުރެވޭނެ ޖާގަ ނުދޭކަމުގައި ވާނަމަ، އާ މެމްބަރުންނަށްވެސް ނަތީޖާ ނުނެރެވޭނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭނާ ނުފޫޒާއި، ބާރުވެރިކަން އަންނަ ދިމާލެއް ވިދާޅު ނުވިނަމަވެސް މަސައްކަތް ކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ޝިއުނާގެ ވާހަތަކުން ވަނީ ފާހަގަވެގެން ގޮސްފައެވެ.

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންޖެސްތަކާ އެކީގައި. އަޅުގަނޑު ބުނަން ބޭނުންވާ ވާހަކަ އަކީ އަޅުގަނޑުމެންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖާގަ ދޭންޖެހެއޭ.

– ޝިއުނާ ވިދާޅުވެފައި ވެއެވެ.

އޭސީސީގެ ރައީސާ ޝިއުނާއަށް މަގާމުގެ ފަތްކޮޅު އަރުވަނީ

އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވިގެން އެކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރުމަށް މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވާއިރު، ކޮމިޝަނަށް ނުފޫޒު ފޯރާކަމަށް ކޮމިޝަންގެ ރައީސާ ވިދާޅުވާނަމަ، ނުވަތަ އެ މުވައްސަސާއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވިގެން އުޅެނީ ފޯރަމުންދާ ނުފޫޒުތަކެއް ސަބަބުން ކަމަށް ކޮމިޝަނުން ބުނާނަމަ އެއީ އަދި މާ ސީރިއަސް މައްސަލައެއްކަމުގައި ގަބޫލު ކުރަން އެބަ ޖެހެއެވެ. އެ ވިދާޅުވާ ވިދާޅުވުމެއްގެ ހަގީގަތް ސާފުވާން އެބަޖެހެއެވެ. އެއީ ކޮން ނުފޫޒެއްތޯ، އެ ނުފޫޒު ފޯރުވަނީ ކޮން ފަރާތަކުންތޯ ބެލުން އެއީ، މެމްބަރުން ވަކި ކުރުމުގެ ކުރިން މަޖިލީހުން އަދާ ކުރަން ޖެހޭ ޒިންމާއެއްކަމުގައި ދަންނަވަން ޖެހެއެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލައެއް ތަހުގީގުވެސް ކުރެވެން އެބަ ޖެހެއެވެ.

އެހެންނަމަވެސް ފެންނާން އޮތް މަންޒަރަކީ، ސުޕަރ މެޖޯރިޓީގެ އަމާޒު އެއްމެ މިސްރާބަކަށް ހުރި މަންޒަރެވެ. ފެށުނީއްސުރެ ސުޕަރ މެޖޯރިޓީއަށް ނިސްބަތްވާ ވަކިވަކި މެމްބަރުން ވަނީ، އޭސީސީން ނިންމި ވަކިވަކި މައްސަލަތަކަށް އަމާޒުކޮށް ފާޑު ކިޔުން އަމާޒު ކޮށްފައެވެ. އެކޮމިޝަނުގެ މައްސަލަތައް ލަސްވެގެން ޝަކުވާ ކުރާ ބައެއް މެމްބަރުން ވަނީ، ކޮމިޝަނުން ނިންމި މައްސަލަތައް ނިންމި ގޮތް ގޯސްވެގެން ކޮމިޝަންގެ ވަކިވަކި މެމްބަރުންނަށް އަމާޒުކޮށްވެސް ފާޑު ވިދާޅުވެފައެވެ.

އެހެންކަމުން، އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުން، ހުރި ކަންބޮޑުވުންތަކަށް ލިބިގެންދާނީ ކިހާވަރެއްގެ ހައްލެއްތޯ މިއީ މިއަދު އެތައް ބައެއްގެ ހިތުގައި އުފެދިގެން ގޮސްފައިވާ ބޮޑު ސުވާލެކެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލިސް މިނިވަން މުވައްސަސާތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދަނީ ޒިންމާދާރު ގޮތުގައި ނޫންކަމަށް ބައެއް ފަރާތްތަކުން ދެކޭ

އަދި ދައުރެއް ނިމުމާއި ގާތަށް މިސްރާބު ހިފާފައި ވަނިކޮށް، ފާއިތުވެދިޔަ 3 އަހަރު އަޅަން ބޭނުންނުވި ފިޔަވަޅެއް މިއަދު އަޅަން ސުޕަރ މެޖޯރިޓީން މިއަދު ފޫގަޅާލީ ކޮން ވިސްނުމެއްގައި ކަން ސާފުވާން ނެތް ނަމަވެސް، ދައުލަތުގެ މިނިވަން މުވައްސަސާތަކާމެދު ފިޔަވަޅު އެޅުމުގައި ރަގަޅަށް ހޯދާ ނުބަލާ، ކުރިމަތި ވެގެން އުޅޭ ހަގީގީ މައްސަލައިގެ ފުނަށް ދަތުރު ނުކޮށް މިބީދައިން މަގާމު ތަކުން މެމްބަރުން ވަކިކޮށް އައްޔަން ކުރަމުން ދިއުމަކީ އެއަށް ނިމުމެއް އޮތް ސިލްސިލާއެއްކަމުގައި ދެންނެވޭކަށް ނެތެވެ.

އަދި ދައުލަތުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ހަމަބުއްދިއާއި ހަގީގަތުގެ މައްޗަށް ބަރޯސާކޮށް، ވިސްނުންތެރިކަމާއެކު އަމަލް ކޮށްގެން މެނުވީ ކުރިޔަށް އޮތް ތަނުގައިވެސް ހައްލެއް ލިބިގެން ނުދާނެކަމީ މާޒީން ހާސިލް ކުރަން ޖެހިގައި އޮތް އިބުރަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *