އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ފިޔަވައި އެހެން ހުރިހާ ޓީމެއް ކުޅުނު މެޗުތައް ޕެނަލްޓީގެ އެހީގައި ކާމިޔާބުކޮށްފިއެވެ.
ލީގުގައި ރޭ އާސެނަލް ނުކުތީ ސައުތެމްޓަނާއި ދެކޮޅަށެވެ. އާސެނަލުން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. ޗެލްސީ ރޭ ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. އަދި ލިވަޕޫލް އެސްޓަން ވިލާ އާއި ވާދަކޮށް 0-1 އިން މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ރޭ ކުޅުނު ފަހު މެޗުގައި ރެލިގޭޝަން ޒޯނުގައި އޮތް ނޮވިޗް ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީވެސް 0-1 ގެ ނަތީޖާއަކުންނެވެ.
ޗެލްސީ އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލީޑްސް ޔުނައިޓެޑުންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ލީޑްސްއަށް ކާމިޔާބުކޮށްދިނީ، ރަފީނިއާއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީގެ މޭސަން މައުންޓް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފް ފަށައިގެން ޗެލްސީއަށް ލީޑު ނަގައިދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ، ޖޯޖީނިއޯއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ޖޯ ގެލްހާޑްޓް ވަނީ ލީޑްސްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ޗެލްސީ މޮޅުވީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ޖޯޖީނިއޯ ކާމިޔާބުކޮށްދިނުމުންނެވެ.
ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ސައުތެމްޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-3 ގެ ނަތީިޖާއަކުން ކާމިޔާބުކުރީ އާސެނަލްއެވެ. އާސެނަލްއިން މި މެޗުގައި ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ، އަލެކްސަންޑަ ލަކަޒޭޓާއި މާޓިން އޮޑެގާޑް އަދި ގަބްރިއެލްއެވެ.
ލީގުގައި ރޭ ލިވަޕޫލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 0-1 އިން ލިވަޕޫލް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ.
ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ވަނީ ރެލިގޭޝަން ޒޯނުގައި އޮތް ނޮވިޗްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީވެސް ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި 16 މެޗުން ލިބުނު 38 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެވެ. ދެވަނައިގައި 37 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު، ތިންވަނައިގައި ޗެލްސީ އޮތީ 36 ޕޮއިންޓާއެކުއެވެ. ލީގުގެ ހަތަރު ވަނައިގައި 15 މެޗުން ލިބުނު 27 ޕޮއިންޓާއެކު ވެސްޓް ހޭމް އޮތްއިރު، 16 މެޗުން ލިބުނު 27 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑްއެވެ. އަދި ހަ ވަނައިގައި 26 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ.
ކޮމެންޓު ފޮނުވާ