ޤާނޫނު އަސާސީން މިނިވަންކަން ކަށަވަރު ކޮށްދީފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިނިވަންކަން ނެތޭ ބުނުމަކުން ގަބޫލު ނުކުރެވޭނެ ކަމުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުންނަށް ނަތީޖާ ނެރެވޭނީ މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ލިބިގެން ކަމުގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވަނީ ވިދާޅުވެފައެވެ. ޝިއުނާ މިފަދައިން ވިދާޅުވެފައިވަނީ އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިނިްވަރަށް މަސައްކަތް ނުކުރެވޭތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމި ދުވަހުއެވެ.
އޭސީސީގެ މެމްބަރުންނަށް މިނިވަންކަން ނެތްކަމަށް ބުނެ ޝިއުނާ ދެއްކެވި ވާހަކަތަކުގެ ރައްދުގައި ޒަރިޔަންދު ވިދާޅުވީ އޭސީސީއަކީ މިނިވަން ކޮމިޝަނެއްކަމަށް ޤާނޫނު އަސާސީން ވަރަށް ސާފުކޮށް ބުނެފައިވާކަމަށެވެ. މިނިވަންކަން ނެތްކަމަށް ގަބޫލުކޮށް، ތިމާމެން ކުރަންޖެހޭ މަސައްކަތް ނުކޮށް ތިބުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ގޮތެއް ނޫންކަމަށާއި، މިނިވަންކަން ކަށަވަރުކުރެވޭނީ، މަޤާމުގެ ބިރެއްނެތި، ތެދުވެރި އަމާޒެއްގައި، ވަކިފަރާތެއްގެ މަންފާ އިސްނުކޮށް ކުރެވޭ މަސައްކަތުން ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.
ޤާނޫނުއަސާސީގައި މިނިވަން ކަށަވަރުކޮށްދީފައިވާ އެންޓިކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްކުރުމަށް މިނިވަންކަމެއް ނެތޭ ބުނުމީ ޤަބޫލުކުރެވޭނެ ކަމެއްނޫން. މިނިވަންކަން ކަށަވަރުކުރެވޭނީ، މަޤާމުގެ ބިރެއްނެތި، ތެދުވެރި އަމާޒެއްގައި، ވަކިފަރާތެއްގެ މަންފާ އިސްނުކޮށް ކުރާ ހީވާގި މަސައްކަތުން.
– ޒަރިޔަންދު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތާ ބެހޭ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އިފްތިތާހުކި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިއުނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގްކޮށް އެކަން ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް މަސައްކަތް ކުރެވޭނީ މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ދެވިގެން ކަމަށެވެ.
މިހާރު އޮތް ކޮމިޝަންގެ މެމްބަރުން ވަކިކޮށް އާ މެމްބަރުންތަކެއް އައްޔަން ކުރި ކަމުގައިވީނަމަވެސް މިނިވަން ކަމާއިއެކު މަސައްކަތްކުރެވޭނެ ޖާގަ ނުދޭކަމުގައިވާނަމަ، އާ މެމްބަރުންނަށްވެސް ނަތީޖާ ނުނެރެވޭނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނުފޫޒާއި، ބާރުވެރިކަން އަންނަ ދިމާލެއް ވިދާޅުވި ނުވިނަމަވެސް މަސައްކަތް ކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ޝިއުނާގެ ވާހަތަކުން ވަނީ ފާހަގަވެގެން ގޮސްފައެވެ.
އޭސީސީގެ މިހާރު ތިއްބެވި މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. މަޖިލީހުން ޖަލްސާތައް މިއަހަރަށް ނިންމާލާފައިވުމުން މިމަސައްކަތް ދެން ކުރިއަށްގެންދެވޭނީ އަންނަ އަހަރުގެ މަޖިލިސްގެ ދައުރު ފެށުމަށްފަހުއެވެ.
އޭސީސީގެ 5 މެމްބަރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ކޮމިޝަންގައި މިވަގުތު ތިބި މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އިބްރާހިމް ޝަކީލްގެ އިތުރުން ޢާއިޝަތު ޢަބްދުﷲއެވެ.
ކޮމެންޓު ފޮނުވާ