އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް ބަލިކޮށް މެންޗެސްޓަރ ސިޓީން އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވުލްވްސްގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ. މި މެޗުގައި ވުލްވްސް އަށް ދަތިތަކާއި ކުރިމަތިލާން ޖެހުނީ ފުރަތަމަ ހާފްގެ އިތުރުން ވަގުތުގެ ތެރޭގައި އެޓީމުގެ ރައުލް ޖެމިނޭޒް އަށް ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ. އެހެންކަމުން މެޗުގެ ދެވަނަ ހާފް އެއްކޮށް އެޓީމު ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެއެވެ. މެޗުގެ 66 ވަނަ މިނެޓުގައި މި ޕެނަލްޓީ ސިޓީއަށް ކާމިޔާބުކޮށްދިނީ، ރަހީމް ސްޓާލިންނެވެ.
މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ލީގުގެ އެއްވަނައިގައި އޮތީ 16 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލިވަޕޫލް އޮތީ 15 މެޗުން ލިބުނު 34 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި 15 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ހަތަރު ވަނައިގައި ވެސްޓް ހޭމް އޮތީ 27 ޕޮއިންޓާއެކުއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ލީޑްސް ވާދަކުރާނެއެވެ. އަދި ލިވަޕޫލް ނުކުންނަނީ އެސްޓަން ވިލާ އާއި ދެކޮޅަށެވެ. އާސެނަލް ސައުތެމްޓަން އާއި ދެކޮޅަށް ކުޅޭއިރު، މިރޭ ކުޅޭ ފަހު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ނުކުންނާނީ ނޮވިޗް އާއި ދެކޮޅަށެވެ.