ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ދިވެހި އެތައްހާސް ރައްޔިތުންގެ ހިތްތަކުގެ ރައީސް ކަމަށާއި، އެރައްޔިތުން ހޭހުއްޓަކައި ރައީސް ޔާމީނަށް ބޭނުންހާ ގޮތެއް ނުހެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ކާނިވާސަރަހައްދުގައި ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް ހާމަވެފައިވާކަމަށެވެ. ރައީސް ޔާމީނަށް ނުހައްގުން އަނިޔއް ދެމުންދަނީ އެމަނިކުފާނަށް އޮތް ތާއީދާއި، ލޯބި ހާމަވުމުން އެކަމާއި ކެތްނުވެގެން ކަމަށާއި، ތިމާމެމްނަނަށް ތާއީދު ނެތުމަކީ ރައީސް ޔާމީނަށް ބޭނުންހާ ގޮތެއް ހެދުމަށް އޮތް ފުރުސަތެއް ނޫންކަމަށެވެ.
މިސަރުކާރުގެ އަމަލުތައް ހުރީ ކުރީ ޒަމާނުގައި ކަންކަން ހިނގާ އުސޫލުން ކަމަށާއި، އަނިޔާވެރިކަމާއި، ޚުދުހުމުތާރު އުސޫލުން ކަންކަން ކުރުމަކީ މިސަރުކާރުގެ އާދައަކަށް ވެފައިވާކަމަށެވެ. ކޮތަރާ ގުޅިފައިވާ އިސްލާމީ ތާރީހުގެ ބައެއް ހާދިސާތައް ހިއްސާކުރައްވަމުން ސަލީމް ވިދާޅުވީ ރައީސް ޔާމީން އެޅުއްވި ހިޔާ ފްލެޓްތަކަށް ކޮތަރާ ގުޅުވާ މަލާމާތް ކުރާނީ އެބައެއްގެ ގޮތެއް ނެތުމުން ކަމަށެވެ. ރައީސް ޔާމީން ކުރެއްވި ވަރުގެ މަސައްކަތެއް މިސަރުކާރަށް ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމް ވަނީ ރޭގެ ޖަލްސާގައި ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި އެއްވެސް މަސައްކަތްތެއް ކުރެވޭތަން ނުފެންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.
ރައީސް ޞާލިހާއި، ސަރުކާރުގެ ކޯލިޝަންގައި ތިއްބެވި ބޭފުޅުންގެ އަމާޒަކީ ރައީސް ޔާމީން ތާއަބަދު ޖަލުގަައި ގެންގުޅުން ކަމަށާއި، ނަމަވެސް އެކަން މިސަރުކާރަކަށް ނުކުރެވޭނެކަމަށެވެ. ރައީސް ޔާމީނާއިމެދު ސަރުކާރުން އަނިޔާވެރިވަނީ އެމަނިކުފާނު އަލުން ވެރިކަމަށް ވަޑައިގެންފާނެތީ ކަމަށާއި، ރައްޔިތުން ނިންމާ ނިންމުމެއްގައި ސަރުކާރަށް ގޮތް ނުނިމްމޭނެކަމަށް ސަލީމް ވިދާޅުވިއެވެ.