ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ ވިސްނުމެއް ކަމާއިބެހޭ ވުޒާރާއިން ގެންގުޅުއްވާތަނެއް ނުފެންނަ ކަމުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޖަލުތަކުގައި ގައިދީން ތިބީ އިންސާނީ ވަރަށް ގިނަ ހައްގުތަކުން މަހުރޫމްވެފައި ކަމަށާއި ޖަލުތަކުގެ ހާލަތު ވަރަށް ގޯސް ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން ވަނީ ބުނެފައެވެ. އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން މިހެން ބުނީ ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކޮށްފައި ތިބި އެހެން ތަންތަނުގެ ހާލަތު ބެލުމަށް 10 ދުވަހުގެ ތަހުގީގެއް ކުރުމަށް ފަހުގައެވެ.
އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން ދެއްކެވި ވާހަތަކާއި ގުޅިގެން މުހުތާޒު ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަތިކޮށްފައިވާ ވުޒާރާއިން އެމަސައްކަތް ކުރެވޭތަން ނުފެންނަ ކަމަށެވެ. ފެނިގެންދަނީ ހަމައެކަނި މަންޑޭލާ ރޫލްސް ތަޢާރަފްކޮށް އެޔަށް އަހުލުވެރި ކުރުމަށް ކުރެވޭ މަސައްކަތެއް އެކަނިކަމަށެވެ. މަންޑޭލާ ރޫލްސް ތަޢާރަފް ކުރި ނަމަވެސް ޖަލުތަކުގެ ހިންގުމުގެ ގަވާއިދާއި، އެނޫންވެސް ގެންނަންޖެހޭ ބަދަލުތައް ނުގެނެވޭހާ ހިނދަކު ޖަލުތަކުގެ ހާލަތު ރަނގަޅު ނުވާނެކަމަށް މުހުތާޒު ވިދާޅުވިއެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ ވިސްނުމެއް ކަމާއިބެހޭ ވުޒާރާއިން ގެންގުޅުއްވާތަނެއް ނުފެނޭ. ހަމައެކަނި މަންޑޭލާ ރޫލްސް އަށް އަހުލުވެރިކުރުވުމަކުން ނުފުދޭ. ޖަލުހިންގުމުގެ ގަވާދުތަކަށް ވެސް ބަދަލުގެންނަންޖެހޭ. ޖަލު ކޮމިޝަނުގެ ހުށަހެޅުންތައް އަދާއި ހަމައަށް ވަނީ ތަންފީޒު ނުކުރެވި.
– މުހުތާޒު ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކޮށްފައި ތިބި ތަންތަނުގެ ޙާލަތު ބެލުމަށް 10 ދުވަހުގެ ތަހުގީގެއް ކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެކޮމެޓީގެ ޗެއަރ ޑރ.އެލީނާ ސްޓެއިނާޓް ވިދާޅުވީ ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ޖަލުތަކުގައި ޝަރީޢަތެއް ނެތި 4 އަހަރު ވަންދެންވެސް ބައެއް މީހުން ތިބިކަމަށާ، މިމީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް، ޝަރީއަތް އަވަސް ކުރުމަކީ މުހިންމު ކަމެއްކަމުގައެވެ.
ހަމަ މިއާއެކު ޖަލުތަކުގައި ތިބި ޤައިދީންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ހިމެނޭ ވަކީލުންގެ ހައްގާއި، ބޭސް ފަރުވާގެ ޚިދުމަތް ދިނުމުގައި މައްސަލަތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖަލުތައް ފުރިބާރުވެ އެކަށީގެންނުވާވަރަށް ޖަލުގޮޅިތަކުގައި މީހުންތިބި ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ