ކޮރަޕްޝަންގެ ކަންކަން ބެލުމަށް މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ފުރުސަތު ނެތްކަމަށް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވުމަކީ އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުންނަށް ނަތީޖާ ނެރެވޭނީ މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ލިބިގެން ކަމުގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ރޭ ވަނީ ވިދާޅުވެފައެވެ. ޝިއުނާ މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަމަށްބުނެ އެކުލަވާލި ޕާފޯމަންސް އޮޑިޓަށްފަހު އެބޭފޫޅުން މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނިކޮށެވެ.
ޝިއުނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގްކޮށް އެކަން ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް މަސައްކަތް ކުރެވޭނީ މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ދެވިގެން ކަމަށެވެ. މިހާރު އޮތް ކޮމިޝަންގެ މެމްބަރުން ވަކިކޮށް އާ މެމްބަރުންތަކެއް އައްޔަން ކުރި ކަމުގައިވީނަމަވެސް މިނިވަން ކަމާއިއެކު މަސައްކަތްކުރެވޭނެ ޖާގަ ނުދޭކަމުގައިވާނަމަ، އާ މެމްބަރުންނަށްވެސް ނަތީޖާ ނުނެރެވޭނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނުފޫޒާއި، ބާރުވެރިކަން އަންނަ ދިމާލެއް ވިދާޅުވި ނުވިނަމަވެސް މަސައްކަތް ކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ޝިއުނާގެ ވާހަތަކުން ވަނީ ފާހަގަވެގެން ގޮސްފައެވެ.
ޝިއުނާގެ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އޮތް ދަނޑިވަޅެއްގައި އޭސީސީގެ ރައީސާގެ ފަރާތުން އަޑުއިވިގެންދިޔަ ވާހަތަކަކީ އިންތިހާއަށް ކަންބޮޑުވުން އޮތް ވާހަކަތަކެއް ކަމަށެވެ. މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ނުތުމަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުތެރޭގައި އިންތިހާޔަށް ވައްކަމާ ކޮރަޕްޝަން ގިނަވަގުތެއްގައި މިފަދަވާހަކަފުޅެއް ކޮރަޕްޝަން ހުއްޓުވަން ޤާނޫން އަސާސީން މަތިކޮށްފައިވާ މިނިވަން މުއައްސަސާ އޭސީސީ ގެ ރައީސް ވިދާޅުވުމަކީ ކަންބޮޑުވާ ވާހަކަފުޅެއް.
– ޝިޔާމް ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ ރާއްޖޭގައި ކަމަށްވިޔަސް އަދި ދުނިޔޭގެ އެހެން ޤައުމެއްގައި ނަމަވެސް ކޮރަޕްޝަންގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ދޭންޖެހޭކަމަށެވެ. އެޖާގަ ނުލިބޭ ކަމުގައިވާނަމަ ބޭނުންވާ ނަތީޖާ ނެރުމުގައި ކޮންމެ ކޮމިޝަނަކަށްވެސް ދަތިތަކާއި ކުރިމަތިވާނެކަމަށެވެ. ކުރިއަށް އޮތް ތަނުގައިއާބަޔަކު ކޮމިޝަނާއި ހަވާލުވި ނަމަވެސް އެބޭފުޅުންނަށްވެސް މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ބޭނުންވާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން ވަކިކުރުމަށް ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމެޓީން ފާސް ކުރުމުން، އެމައްސަލަ ތަޅުމަށް ހުށަހެޅާނެކަމަށެވެ.
އޭސީސީގެ މިހާރު ތިއްބެވި މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. މަޖިލީހުން ޖަލްސާތައް މިއަހަރަށް ނިންމާލާފައިވުމުން މިމަސައްކަތް ދެން ކުރިއަށްގެންދެވޭނީ އަންނަ އަހަރުގެ މަޖިލިސްގެ ދައުރު ފެށުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ