ހިދުމަތަށް އެދޭއެދުމާއި، ހިދުމަތަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ބަދަލުވެއްޖެ: ސީޕީ

ހިދުމަތަށް އެދޭއެދުމާއި، ހިދުމަތަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ބަދަލުވެއްޖެ: ސީޕީ

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2021 07:58
0

ފުލުހުންގެ ހިދުމަތަށް އެދޭއެދުމާއި ހިދުމަތަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

2022 އަދި 2023 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުން އިސްކަންދޭނެ ކަންކަން ކަނޑައެޅުމުގެ ގޮތުން ބޭއްވި އެއްދުވަހުގެ މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ހިދުމަތަށް އޮތް ޑިމާންޑް ބަދަލުވެ، ފުލުހުންގެ ހިދުމަތަށް އެދޭއެދުމާއި ހިދުމަތަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވިއެވެ. ހާއްސަގޮތެއްގައި ވެށިތެރޭގައި ހިނގާ ކުށްތަކާއި އެވެށީގައި އުޅޭ ފަރާތްތަކަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ވަރަށް ބޮޑުތަން ބަދަލުވަމުން އައިސް، އުނދަގޫވާން ފަށާފައިވާކަމަށާއި އެކަންކަމާ ދެކޮޅަށް ފުލުހުން މަސައްކަތްކުރަމުންދިޔަ ނަމަވެސް އެކަންކަމަށް ކުރަންހުރި މަސައްކަތްތައް އަންނަނީ އިތުރުވަމުންކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ކުރިއާ ހިލާފާށް މިހާރު ކުށްކުރުން ބަދަލުވެފައިވާކަމަށާއި ހާއްސަކޮށް ޑިޖިޓަލް އެންވައިރަމަންޓް ތެރޭގައި ހިންގާ ކުށްތައް ފާއިތުވި އަހަރުތަކުގައި އިތުރުވަމުން އައިސްފައިވާކަން ފާހަގަކުރައްވައި، އައު ވައްތަރުގެ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާވެސް ވާންޖެހިފައިވަނީ އެކުށްތަކާ ދެކޮޅަށް މަސައްކަތްކުރެވޭ ވަރުގެ މުއައްސަސާއަކަށް ހެދުމަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރިއަށްދާ ތަނެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި ކުށާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ކުށްނޫން އަދި ކުށަށް އުފެދޭ ކަންކަމަށްވެސް ފުލުހުން މަސައްކަތްކުރަންޖެހިފައިވާކަމަށާއި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕެންޑަމިކެއްގެ ތެރޭގައިފުލުހުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު ހަ ޕްރައޯރިޓީއެއް ކަނޑައަޅާފައިވާއިރު، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދެން އިތުރަށް ކަންކަންކުރަންވީގޮތާމެދު ވިސްނައި، އިސްކަންދޭނެ ކަންކަން ކަނޑައެޅުން މުހިންމުކަމަށް ވިދާޅުވިއެވެ. އަދި އިސްކަންދޭނެ ކަންކަން ކަނޑައެޅުމުގެ މުހިންމުކަމަކީ ދައުލަތުން ހޭދަކޮށްގެން ގާއިމްކޮށްފައިވާ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމުގެ ވިސްނުން އިސްކޮށް، ގޮތްތަކެއް ނިންމުންކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ފުލުހުންގެ މަސައްކަތުގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިމްޕެކްޓް ގެނެވޭނެ ގޮތްތަކާ މެދު ވިސްނައި ގޮތްތަކެއް ނިންމުމަށް އެދިލައްވައި، މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ޕްރައޯރިޓީސްތައް ކަނޑައަޅުމުގައި ވިސްނުން ގެންގުޅެންވީ ގިނަ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި މެނޭޖްމަންޓް ސަރވޭގައި ފާހަކުރެވޭ ކަންކަމާއި ކޮމްޕިޓެންސީ ފްރޭމް ވޯކް އާއި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓާއި ސްޓްރެޓީޖިކް ޕްލޭންގެ ޕްރޮޖެކްޓްތަކުން ހާސިލްވެފައިވާ މިންވަރު ހުށަހަޅާފައިވެއެވެ. އެގޮތުން އޮގަނައިޒޭޝަން ރީފޯމް އެންޑް ޓްރާންސްފޮމޭޝަން އާއި ޕާޓްނަރޝިޕް ފޮރ ކޮމިއުނިޓީ ސޭފްޓީ އާއި އޮޕަރޭޝަނަލް ރެޑިނަސް އާއި ވޮލިއުމް އެންޑް ހައި އިމްޕެކްޓް ކްރައިމް އާއި ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގ އަދި ލޯކަލް ޕޮލިސިންގ އިން ހާސިލްވެފައިވާ ކަންތައްތައް ހުށަހަޅާފައިވެއެވެ. އަދި 2022 އަދި 2023 ވަނަ އަހަރަށް ހުށަހަޅާ ޕްރައޯރިޓީސްތައް ހުށަހަޅައި، ބައިވެރިންގެ މެދުގައި މަޝްވަރާކޮށް، ބައިވެރިން ހުށަހަޅާ ޕްރައޯރިޓީސްތައް ހުށަހެޅުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެއް ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.