ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކުރުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދެނީ

ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކުރުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދެނީ

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2021 01:55
0

ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

މިއަދު ގައުމީ ކުތުބުހާނާގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކުތުބުހާނާ ތަރައްގީކުރުމަށް ބޭންކުންވަނީ ގައުމީ ކުތުބާހާނާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރއެވެ. ކުތުބުހާނާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގްއެވެ. މިހަފްލާގައި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް މެނޭޖްމަންޓްގެ މެންބަރުން ބައިވެރިވަޑައިގެންނެވިއެވެ.

މި ޕްރޮޖެކްޓް ގެ ދަށުން ގައުމީ ކުތުބުހާނާގެ މެއިން ރީޑިންގ އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިންގ އެންޑް ރިސާރޗް ރޫމް, މޭކާރސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުތުބުހާނާގެ ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ އިތުރުން, ކުތުބުހާނާއިން ކުރިއަށް ގެންދާ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރާނެއެވެ. އަދި މުޅިން އަލަށް ކުތުބުހާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކޮށްދެވޭނެއެވެ. އަދި ގައުމީ ކުތުބުހާނާގެ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުހާނާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްދެވޭނެއެވެ.

މި ލައިބްރަރީތަކަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ މުހިންމު ބައެއް. ގައުމީ ކުތުބުހާނާ އަކީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީ ކުރުމަށް މުހިންމު ތަނެއް އަދި ހަމައެއާއެކު ހުރިހާ އުމުރުފުރަޔަކަށްވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން ކުތުބުހާނާއަށް ބަދަލުގެނެސް މިފަދަ ބޮޑު ތަރައްގީގެ މަސައްކަތެއް ކޮށްދެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ދެވަނަ ޕްރޮޖެކްޓް.

– މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

އަދި މިފަދަ މުޖުތަމައަށް ފައިދާ ކުރާނެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ ބޭންކުން ވަނީ ފުރަތަމަ ހަރަކާތުގެ ގޮތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑު' ތައާރަފްކޮށްފައެވެ. ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިންގ އަދި ފައިނޭންސް ގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފަންޑުގެ އަމާޒަކީ މި ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމެވ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.