މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ބައެއް ފަރާތްތަކަށް އެމްޓީސީސީން ބަސް ދަތުރު ހިލޭ

މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ބައެއް ފަރާތްތަކަށް އެމްޓީސީސީން ބަސް ދަތުރު ހިލޭ

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2021 02:18
0

1 ޖެނުއަރީ 2022 އިން ފެށިގެން ގްރޭޓާރ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ޢާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެކުންފުނިން ފޯރުކޮށްދޭ ޢާންމު ފެރީ ޚިދުމަތުގައި މީގެ ކުރިންވެސް ސްކޫލް ކުދިންނަށާއި، އުމުރުން 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތުރުކުރެވޭކަމަށެވެ. އަދި މި ހަމަޖެހުނު ބަދަލާއެކު މި ދެންނެވުނު ފަރާތްތަކަށް 1 ޖެނުއަރީ 2022 އިން ފެށިގެން ޢާންމު ބަހުގެ ޚިދުމަތްވެސް ހިލޭ ލިބިގެންދާނެކަމަށެވެ.

މިވަގުތު އަތޮޅުތެރޭގައި ބަހުގެ ޚިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ދެވޭ ބަހުގެ ޚިދުމަތެއް ގޮތުގައެވެ. ނަމަވެސް އައްޑޫ، ފުވައްމުލަށް އަދި ލ.އަތޮޅުގެ )ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ( ރަށްތަކުގައި ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އަދި މި އައު ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ.އަތޮޅުގެ )ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ( ރަށްތަކުގައިވެސް ބަހުގެ ޚިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.