ނޫމަރާ ފަރަށް އުރުނު ބާޖު 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ނޫމަރާ ފަރަށް އުރުނު ބާޖު 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2021 12:28
0

2019 ވަނަ އަހަރު ށ.ނޫމަރާ ފަރަށް އެރި ބާޖު 61 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިނަމާކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، 26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް "މެރިން ޕަވަރ 2317″ ނަމަކަށް ކިޔާ ބާޖާ އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށްދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދަފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓު، ރޮސޮފް ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ ނޫމަރާ ފަރަށް އެރި ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަޙައްދުން ނަގައި ނިމުމުން އެ ސަރަޙައްދުގެ ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީއިން އެ ސަރަޙައްދު ބަލައި ސަރވޭކޮށްފައިވާކަމަށެވެ. އެގޮތުން 1632 އަކަމީޓަރުގެ ސަރަޙައްދަކީ ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ. އަދިއެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަޙައްދުން ނަގައި އެ މަސައްކަތްކޮށް ނިމިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16ގައި ސާފުކޮށްފައިވާކަމަށްވެސް އީޕީއޭއިން ބުންޏެވެ.

ނޫމަރާ ނެރާ ދިމާލު ފަރުމައްޗަށް ބާޖު އުރުމުގެ ސަބަބުން އެ ސަރަހައްދު ބޮޑެތި ގެއްލުންތަކެއް ލިބި ނެރުމަތި ވަނީ ތިލަވެފައެވެ. ގިނަ އަދަދަކަށް ތެލާއި ޑީސަލް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެފްއެސްއެމްގެ ބާޖެއްވެސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ށ. ނޫމަރާ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.