ޓްރަމްޕް އަދި ޖޯ ބައިޑްން

އިންތިޚާބު އޮޅުވާލަން އުޅޭކަމުގެ ތުހުމަތު ޓްރަމްޕް ކުރައްވައިފި

އިންތިޚާބު އޮޅުވާލަން އުޅޭކަމުގެ ތުހުމަތު ޓްރަމްޕް ކުރައްވައިފި

އެމެރިކާގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާއިރު، އިންތިޚާބު އޮޅުވާލަން އުޅޭކަމުގެ ތުހުމަތު ޓްރަމްޕް ކުރައްވައިފިއެވެ.

ޓްރަމްޕް މި ތުހުމަތު ކުރައްވާފައިވަނީ، ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ޑިމޮކްރަޓިކް ޕާޓީން އިންތިޚާބު ވަގަށް ނަގަން މަސައްކަތް ކުރަމުން ދާކަމަށާއި އެހެންނަމެވެސް އެފުރުސަތު ނުދެއްވާނެކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ވޯޓު ފޮށިތައް ބަންދުވާފަހުން ވޯޓު ލުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށެވެ.

މިޓުވީޓުގައި ޓްރަމްޕް އިތުރަށް ވިދާޅުވެފައިވަނީ، ބޮޑު ކާމިޔާބަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ކުރިޔަށް އޮތް މަދު ވަގުތުކޮޅެއްގެ ތެރޭގައި ޓްރަމްޕް ގައުމާ މުހާތަބް ކުރައްވަން ހަމަޖެހިފައިވާއިރު، ޖޯ ބައިޑަންވަނީ ދާދި ދެންމެއަކު ތާއީދުކުރާ ފަރާތްތަކާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ. މި ބައްދަލު ވުމުގައި ބައިޑްން ވަނީ އޭނާއަށް ތާޢީދުކުރާ ފަރާތްތަކުން ކެތްތެރިވެ ތިއްބެވުމަށް ގޮވާލައްވާފައެވެ. އަދި ނަތީޖާ އިއުލާންކޮށް ނިމޭއިރު އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށްވެސް ބައިޑްން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް އާންމު ކޮށްފައިވާ ނަތީޖާއަށް ބަލާއިރު ގިނަ އިލެކްޓޯރަލް ވޯޓުތައް ހިމެނޭ ބޮޑެތި ބައެއް ސްޓޭޓުތައް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ޖޯ ބައިޑަން ވަނީ ކާމިޔާބު ކުރައްވާފައެވެ.

އެމެރިކާގެ 50 ސްޓޭޓުގައި މިހާރު ވޯޓު ގުނުމުގެ މަސައްކަތް ކުރިޔަށް ދާއިރު، އިލެކްޓޯރަލް ވޯޓު އެންމެ ގިނަ ސްޓޭޓްކަމަށްވާ ކެލިފޯނިއާ ކާމިޔާބު ކުރާނެ ކަމަށް މިހާރު ދައްކަނީ ޖޯ ބައިޑްންއެވެ. މި ސްޓޭޓް ކާމިޔާބުކުރާ ކެޑިޑޭޓަކަށް 55 އިލެކްޓޯރަލް ވޯޓު ލިބިގެން ދާނެއެވެ. ގޯލްޑަން ސްޓޭޓްގެ ގޮތުގައި މަޝްހޫރުވެފައިވާ މިސްޓޭޓް 2016 ވަނަ އަހަރު ކާމިޔާބު ކުރެއްވީ އޭރު ޓްރަމްޕާއި ވާދަކޮށް ހިލަރީ ކްލިންޓަނެވެ.

މިހާރުގެ ނަތީޖާތައް ދައްކާގޮތުން، މީގެއިތުރުންވެސް ބޮޑެތި ބައެއް ސްޓޭޓްތައް ބައިޑްން ކާމިޔާބު ކުރައްވާނެކަމަށް ނަތީޖާތަކުން ދައްކައެވެ. މީގެތެރޭގައި ނިޔޯކު ސިޓީ އަދި ވޮޝިންގޓަން ސްޓޭޓުވެސް ހިމެނެއެވެ. މިގޮތުން އެންމެފަހުގެ ނަތީޖާ ދައްކާގޮތުން ވޮޝިންގޓަން ސްޓޭޓު ކާމިޔާބު ކުރައްވާ ބައިޑްވަނީ އެސްޓޭޓްގެ 12 އިލެކްޓޯރަލް ވޯޓުވެސް ކާމިޔާބު ކުރައްވާފައެވެ. އަދި 11 އިލެކްޓޯރަލް ވޯޓު ހިމެނޭ އެރިޒޯނާގަވެސް ކުޑަ ތަފާތަކުން ކުރީގަ އުޅުއްވަނީ ޖޯ ބައިޑްންއެވެ.

ވާދަވެރިކަން ބޮޑުކަމަށް ފާހަގަ ކުރެވޭ ބައެއް މުހިންމު ސްޓޭޓްތައް ޓްރަމަޕަށް ކާމިޔާބު ކުރެއްވޭނެކަމަށްވެސް ނަތީޖާތަކުން ދައްކައެވެ. މިގޮތުން 18 އިލެކްޓޯރަލް ވޯޓު ހިމެނޭ އޮހާއޯގެ %80 ވޯޓު ގުނާ ނިމިފައި ވާއިރި، ކުޑަ ތަފާތަކުން މިސްޓޭޓުގައި ކުރީގައި އުޅެނީ ޑޮނަލްޑް ޓްރަމްޕެވެ. އަދި 29 އިލެކްޓޯރަލް ވޯޓު ހިމެނޭ ފްލޮރިޑާވެސް ޓްރަމްޕް ވަނީ ކާމިޔާބު ކުރައްވާފައެވެ.

ދެވަނައަށް އިލެކްޓޯރަލް ވޯޓު އެންމެ ގިނަ ސްޓޭޓް ކަމަށްވާ ޓެކްސަސްގެ %87 ވޯޓު ގުނާ ނިމިފައި ވާއިރު މި ސްޓޭޓުގައިވެސް ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. ޓެކްސަސްއަކީ 2016 ވަނަ އަހަރުވެސް ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓެކެވެ.

މިހާތަނަށް އާންމު ކުރެވުނު ޖުމްލަ ނަތީޖާއަށް ބަލާއިރު ޖޯ ބައިޑްން 219 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވާފައިވާއިރު، ޓްރަމްޕަށް ކާމިޔާބު ކުރެވިފައިވަނީ 209 އިލެކްޓޯރަލް ވޯޓެވެ.

ގިނަ ސްޓޭޓްތަކުގައި މިހާރު ނުގުނި ހުރި ވޯޓުތަކަކީ ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތަކަށް ވާއިރު، މިވޯޓުތައް ގުނާނިމޭއިރު، ބައިޑްންއަށް ލިބިފައިވާ ކުރިއެރުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ މި އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ މީހުންވަނީ ދުރާލާ ވޯޓުލާފައެވެ.

އެމެރިކާގެ ރައީސް އަދި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވެމުންދާއިރު، ނަތީޖާގެ މައިގަޑު އަމާޒަކީ ކޮންމެ ކެޑިޑޭޓަކުވެސް ޔަގީން ކުރާ އިލެކްޓޯރަލް ވޯޓުގެ އަދަދު ސާފުވެގެން ދިއުމެވެ.

މިގޮތުން އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ކަޑައެޅިފައިވާ 538 އެލެކްޓޯރަލް ވޯޓުގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓު 270 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރަން ޖެހެއެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އިންތިޚާބުގައި ވޯޓު ލެވޭނެ ކަމަށް ބެލެވެނީ އެމެރިކާގެ %67 ރައްޔިތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *