އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި ހަވާލު ކުރުމަށް ޕްލޭނިން މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރަށް ހަމަ ޖެއްސި ރެހެންދި ފްލެޓްގެ މަރާމާތުގެ ބޮޑުބައި ނިމިފައިވާކަމަށެވެ. އަދި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ގެކޮޅު ހަވާލު ކުރެއްވުމަށް ކަމަށެވެ.
ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ. އެކަމަށް ހަރަދު ކުރަން އަންނަ އަހަރުގެ ބަޖެޓުގައި 12 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
މަޖިލީހުގެ ރައީސްގެ ގެކޮޅު އަޅަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެއެވެ. ދާއިމީ ގެކޮޅެއް އިމާރާތް ކުރެވެންދެން އެމަނިކުފާނު ދިރިއުޅުއްވަން ވަގުތީ ގެކޮޅުގެ ގޮތުގައި މުރައިދޫގެ އަންނަނީ މަރާމާތުކުރަމުންނެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަޅަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގައެވެ. ދާއިމީ ގެކޮޅެއް އިމާރާތްކުރެވެންދެން އެމަނިކުފާނު ވަގުތީގޮތުން ދިރިއުޅުއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ރެހެންދި ފްލެޓުގައެވެ.
ބަޖެޓުގައި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް 6.8 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބިއުރޯ ހިދުމަތްތަކަށް، 1،293،136 ރުފިޔާ، ކޯޕަރޭޓް ހިދުމަތްތައް 3،210،812 ރުފިޔާގެ އިތުރުން، ހައުސްހޯލްޑް ހިދުމަތްތައް 2،357،668 ރުފިޔާއެވެ.
އުއްތަމަ ފަނޑިޔަރުގެ ގެކޮޅަށް 5.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މި ޚަރަދު ތަކުގެ ތެރޭގައި ހިމެނެނީ ބިއުރޯ ހިދުމަތްތަކަށް، 280،000 ރުފިޔާ، ކޯޕަރޭޓް ހިދުމަތްތައް 3،799،003 ރުފިޔާގެ އިތުރުން، ހައުސްހޯލްޑް ހިދުމަތްތައް 1،315،830 ރުފިޔާއެވެ.
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވާ ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެފަދަ ގޮތަކަށް ހުރި ގެއެއްކަމުގައި ވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ