އެމެރިކާގައި ރިޔަސީ އިންތިޚާބުގެ ވޯޓު ގުނުން މިހާރު ކުރިޔަށް ދާއިރު، ގިނަ އިލެކްޓޯރަލް ވޯޓުތައް ހިމެނޭ ބޮޑެތި ބައެއް ސްޓޭޓުތައް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރައްވާއިފިއެވެ.
އެމެރިކާގެ 50 ސްޓޭޓުގައި މިހާރު ވޯޓު ގުނުމުގެ މަސައްކަތް ކުރިޔަށް ދާއިރު، އިލެކްޓޯރަލް ވޯޓު އެންމެ ގިނަ ސްޓޭޓްކަމަށްވާ ކެލިފޯނިއާ ކާމިޔާބު ކުރާނެ ކަމަށް މިހާރު ދައްކަނީ ޖޯ ބައިޑްންއެވެ. މި ސްޓޭޓް ކާމިޔާބުކުރާ ކެޑިޑޭޓަކަށް 55 އިލެކްޓޯރަލް ވޯޓު ލިބިގެން ދާނެއެވެ. ގޯލްޑަން ސްޓޭޓްގެ ގޮތުގައި މަޝްހޫރުވެފައިވާ މިސްޓޭޓް 2016 ވަނަ އަހަރު ކާމިޔާބު ކުރެއްވީ އޭރު ޓްރަމްޕާއި ވާދަކޮށް ހިލަރީ ކްލިންޓަނެވެ.
މިހާރުގެ ނަތީޖާތައް ދައްކާގޮތުން، މީގެއިތުރުންވެސް ބޮޑެތި ބައެއް ސްޓޭޓްތައް ބައިޑްން ކާމިޔާބު ކުރައްވާނެކަމަށް ނަތީޖާތަކުން ދައްކައެވެ. މީގެތެރޭގައި ނިޔޯކު ސިޓީ އަދި ވޮޝިންގޓަން ސްޓޭޓުވެސް ހިމެނެއެވެ. މިގޮތުން އެންމެފަހުގެ ނަތީޖާ ދައްކާގޮތުން ވޮޝިންގޓަން ސްޓޭޓު ކާމިޔާބު ކުރައްވާ ބައިޑްވަނީ އެސްޓޭޓްގެ 12 އިލެކްޓޯރަލް ވޯޓުވެސް ކާމިޔާބު ކުރައްވާފައެވެ.
ވާދަވެރިކަން ބޮޑުކަމަށް ފާހަގަ ކުރެވޭ ބައެއް މުހިންމު ސްޓޭޓްތައް ޓްރަމަޕަށް ކާމިޔާބު ކުރެއްވޭނެކަމަށްވެސް ނަތީޖާތަކުން ދައްކައެވެ. މިގޮތުން 18 އިލެކްޓޯރަލް ވޯޓު ހިމެނޭ އޮހާއޯގެ %80 ވޯޓު ގުނާ ނިމިފައި ވާއިރި، ކުޑަ ތަފާތަކުން މިސްޓޭޓުގައި ކުރީގައި އުޅެނީ ޑޮނަލްޑް ޓްރަމްޕެވެ.
ދެވަނައަށް އިލެކްޓޯރަލް ވޯޓު އެންމެ ގިނަ ސްޓޭޓް ކަމަށްވާ ޓެކްސަސްގެ %87 ވޯޓު ގުނާ ނިމިފައި ވާއިރު މި ސްޓޭޓުގައިވެސް ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. ޓެކްސަސްއަކީ 2016 ވަނަ އަހަރުވެސް ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓެކެވެ.
މިހާތަނަށް އާންމު ކުރެވުނު ޖުމްލަ ނަތީޖާއަށް ބަލާއިރު ޖޯ ބައިޑްން 205 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވާފައިވާއިރު، ޓްރަމްޕަށް ކާމިޔާބު ކުރެވިފައިވަނީ 132 އިލެކްޓޯރަލް ވޯޓެވެ.
ގިނަ ސްޓޭޓްތަކުގައި މިހާރު ނުގުނި ހުރި ވޯޓުތަކަކީ ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތަކަށް ވާއިރު، މިވޯޓުތައް ގުނާނިމޭއިރު، ބައިޑްންއަށް ލިބިފައިވާ ކުރިއެރުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ މި އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ މީހުންވަނީ ދުރާލާ ވޯޓުލާފައެވެ.
އިންތިޚާބުގެ ނަތީޖާ ޔަގީން ނުވިނަމަވެސް، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެމެރިކާގެ ރައީސް ގައުމާއި މުޚާތަބު ކުރައްވާނެ ކަމަށް ޓްރަމްޕް ކެމްޕެއިންގެ އިސް ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ޓްރަމްޕް ގައުމާއި މުޚާތަބު ކުރައްވަނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިއުލާނު ނުކުރެވުނަސް، އޭނާ ހުންނެވީ ސާބިތުކަމާއި ޔަގީންކަމާއި އެކީގަކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުންނެވެ.
ޓްރަމްޕް ކެމްޕޭނުގައި ހަރަކާތްތެރިވަމުންދާ ސީނިއަރ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޑިމޮކްރަޓިކް ޕާޓީގެ ކެމްޕޭން ޓީމުގެ ފަރާތުން މިހާރު ލިބެމުންދާ ނަތީޖާތަކުން ޓްރަމްޕް އަށް ކާމިޔާބު ކުރެވުމުންދާ ސްޓޭޓްތަކުގެ ނަތީޖާއާއި ގުޅޭގޮތުން ރަގަޅު ނޫން މައުލޫމާތު ފަތުރަމުން ދާތީ ޓްރަމްޕްގެ ކެމްޕޭންގެ ތެރޭގައި ބޮޑެތި އުދާސްތަކެއް ވަނީ އުފެދިފައެވެ.
ޑިމޮކްރަޓިކް ކެމްޕޭންއިން އަޑު ފަތުރަމުންދަނީ، ޓްރަމްޕަށް މިހާރު ކާމިޔާބު ކުރެވިފައިވާ ސްޓޭޓްތައް ކާމިޔާބު ކުރެވިފައިވަނީ، ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތަކުގެ ނަތީޖާ އަދި މިހާތަނަށް ލިބިފައި ނުވާތީއެވެ.
ގިނަ ދިރާސާތަކުން ދައްކާގޮތުގައި ޕޯސްޓު މެދުވެރިކޮށް ވޯޓު ލާފައިވާ ފަރާތްތަކުގެ މެޖޯރިޓީ ޖޯ ބައިޑްން ނަންގަވާނެއެވެ.
އޮފޮޝަލުން ވިދާޅުވާ ގޮތުގައި ވޯޓު ގުނަމުންދާއިރު، ޓްރަމްޕަށް ތާޢީދު ކުރާ ފަރާތްތަކުން މެދުގައި އެނާގެ މައްޗަށް އޮތް ޔަގީންކަމާއި އިތުބާރު ދެމެހެއްޓުމަށް ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވައެވެ.
އެމެރިކާގެ ރައީސް އަދި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވެމުންދާއިރު، ނަތީޖާގެ މައިގަޑު އަމާޒަކީ ކޮންމެ ކެޑިޑޭޓަކުވެސް ޔަގީން ކުރާ އިލެކްޓޯރަލް ވޯޓުގެ އަދަދު ސާފުވެގެން ދިއުމެވެ.
މިގޮތުން އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ކަޑައެޅިފައިވާ 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓު 270 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރަން ޖެހެއެވެ.
އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އިންތިޚާބުގައި ވޯޓު ލާނެކަމަށް ބެލެވެނީ އެމެރިކާގެ %67 ރައްޔިތުންނެވެ.