މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވެ ރާލްފް ރަންގްނިކްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ޔުނައިޓެޑުންނެވެ. އެގޮތުން ރަންގްނިކްގެ ފިލޯސަފީ ދަނޑުމަތިން ފެނިގެން ދިޔައެވެ. ޖަރުމަނުގެ ހައި ޕްރެސިން، "ގީގެން ޕްރެސިން"ގެ ކޮންމެވެސް ވަރެއް ޔުނައިޓެޑުގެ ކުޅުމުން ފެނުނެވެ.
މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ފްރެޑް މި ލަނޑު ކާމިޔާބުކޮށްދިނީ، ދެވަނަ ހާފުގައި ކުޅެން ނުކުތް ގްރީންވުޑްގެ އެހީތެރިކަމާއެކުއެވެ. މިއީ މި ސީޒަނުގައި ފްރެޑް ކާމިޔާބުކުރި ދެވަނަ ލަނޑެއެވެ.
މި މެޗުން މޮޅުވެ ޔުނައިޓެޑް ތާވަލުގެ ހަވަނައަށް ޖެހިލީ 15 މެޗުން 24 ޕޮއިންޓާ އެކުގައެވެ. މި މެޗުން ބަލިވި ކްެރިސްޓަލް ޕެލަސް އޮތީ ތާވަލުގެ 13 ވަނައިގައެވެ. އެއީ ކުޅުނު 15 މެޗުން 16 ޕޮއިންޓާއެކު އެވެ.