އިންޑިއާ ސިފައިން ރާއްޖެއިން ބޭރުމަށް ގޮވާ ހަރަކާތުގެ ސަބަބުން ނުރައްކާވާނީ ދިވެހިންނަށްކަމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިއުތިރާފަކީ އަނެއްކާވެސް ޤާނޫނު އަސާސީއަށް ކޮޅުފައިން އެރުންކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ރާއްޖެ ހިފަން އުޅޭކަމަށްބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ޙަރަކާތްތަކަކީ ސިޔާސީ ބޭނުމެއްގައި ސިޔާސީ އިސްވެރިން ކުރުވާކަމެއްކަމަށް ބެލެވޭކަމަށާ، އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ނިކަމެތިކަމާމެދު ކަންބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވަނީ އެފަދައިން ހުރި ބައެއް ޚަބަރުތައް ރިޓްވީޓްކޮށްފައެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޑިފެންސް މިނިސްޓަރާއި 241 ކޮމިޓީގެ މުގައްރިރުގެ އެ އިއުތިރާފަކީ އަނެއްކާވެސް ޤާނޫނު އަސާސީއަށް ކޮޅުފައިން އެރުންކަމަށެވެ. ނުރައްކަލުން އަރައިގަތުމަށް ޑިފެންސް މިނިސްޓަރުގެ މަޤާމު އިންޑިއާއި ހަވާލުކުރުމާއި މިކަމާއި ތަފާތެއް ނެތްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމަކީ އިންޑިއާ ކަނޑަށް ޖެހިފައިވާ މުސީބާތަކަށް މިވަނީ ވެފައި! ސަލާމަތްވާންވީ މިކަމުން.
– މުޙައްމަދު ސަޢީދު
Def Min aai 241 committee ge Chair ge mi iuthiraafakee anekkaaves QA ah kolhufain erun! Nurakkalun araigathumah Def Min ge magaamu India aai havaalu kurumaai mikamaai thafaatheh neiy!MDP ge verikamakee India kandah jehi faivaa museebaathakah mivanee vefa! Salaamaiyvaanvee mikamun pic.twitter.com/JtCkifikm0
— Mohamed Saeed (@em_saeed) December 5, 2021
ސަޢީދު މިހެން ވިދާޅުވެފައިޥާއިރު، ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ރާއްޖެއިން އެތައްބަޔަކު އެކި ކަންކަމުގައި އިންޑިއާއަށް އަބަދުވެސް ދާކަމަށާ އެޤައުމުން އެތައް ކަމެއްގައި ޒަމާނުއްސުރެ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަމުން އަންނައިރު ސިޔާސީ މަޤްސަދެއް ޙާސިލުކުރުމަށް އިންޑިއާއާމެދު ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ ކުރަންވާވަރުގެ ކަމެއް ނޫންކަމަށެވެ.
ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް އިންޑިއާއާއެކު ގާތްގުޅުމެއް ބާއްވަމުން އައިކަމަށާ، ކޯވިޑާ ގުޅިގެންނާއި އުމްރާނީ ތަރައްޤީގައިވެސް އިންޑިއާއިން އެތައް އެހީތަކެއްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިކަމަށް އަންނަ ޤައުމަކަށް އިންޑިއާ މިއަދު ވެފައިވާއިރު، ރުޅިވެރިކަމާއި ނަފުރަތު ބައެއްގެ ތެރޭގައި އަށަގަންނުވާނަމަ އެކަން ހައްދުފަހަނައަޅައި ހިނގައިދާނެކަމުގެ ބިރުވެރިކަން އެބައޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.
އަޅުގަނޑަށް ހަމަ ފާހަގަކުރެވެނީ މިއީ ސިޔާސީ މަޤުޞަދެއްގައި ސިޔާސީ ވެރިންތަކެއް ކުރުވާ ކަމެއްހެން. ދެން އޭގެ ނުރައްކަލަކީ، ނަފްރަތު ބޮޑުވެގެން އަދި އެފިތުނަ ބޮޑުވެންގެންގޮސް ބޮޑު ސިންގާ ޤައުމަކާ ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޖެހިފައިތިބޭނަމަ އޭގެ ސަބަބުން ދިމާވާ ބިރުވެރިކަން އަޅުގަނޑަށް ވަރަށް ކަންބޮޑުވޭ އަޅުގަނޑަށް ހީވަނީ މިކަންކަން މިނޫންގޮތަކަށް ގެންދަނެޖެހޭހެން.
– އަސްލަމް ވިދާޅުވިއެވެ.
241 ކޮމިޓީގެ މުޤައްރިރު އަސްލަމް ވިދާޅުވީ، އެކޮމިޓީން ބެލި ބެލުމުން، ރާއްޖެއާ އިންޑިއާއާކު ވެފައިވާ އެއްބަސްވުންތައް ނުވަތަ ލެޓަރ އޮފް އެކްސްޗޭންޖެއްގައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސްކަމެއް ފާހަގަ ނުކުރެވޭކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރުން އިންޑިއާއާއެކު އައު އެއްބަސްވުމެއް ހަދާފައިނުވާކަމަށާ، މިހާރުވެސް މަސައްކަތްކުރެވެމުން ދަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު 2016ވަނަ އަހަރު ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު އެއްބަސްވުމަށް އަމާޒުކޮށްގެންކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކަންކަމާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ކަންބޮޑުވާފަދަ ކަމެއް ނެތްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައާއި، ކަނޑުމަތީގައިވެސް ދަނީ ސުލްހަވެރި ހަރަކާތްތައް ހިންގަމުންނެވެ. މި އެއްވުންތަކަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާއިރު، "އިންޑިއާ އައުޓް" ކެމްޕެއިންގެ ވާހަކަތައް ބައިނަލް އަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބިއިރު، ސިފައިން ބައިތިއްބާފައިވަނީ ހެލޮކޮޕްޓަރު ދުއްވަންކަމަށް މީގެ ކުރިން ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. އިންޑިއާއާއި ރާއްޖެއާއި ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެއްބަސްވުންތައް މަޖިލީހަށްވެސް އަދި އެނޫން ގޮތަކުންވެސް އާންމު ކުރުމަށް ސަރުކާރުން މިހާތަނަށް ވަނީ ދެކޮޅު ހަދާފައެވެ.