ވަޓްފޯޑް އަތުން މޮޅުވެ ސިޓީ އެއްވަނައަށް

ވަޓްފޯޑް އަތުން މޮޅުވެ ސިޓީ އެއްވަނައަށް

Author
ޔޫސުފް
05 ޑިސެމްބަރ 2021 01:04
0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވަޓްފޯޑް އަތުން ހޯދި ފަސޭހަ މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ލީގު ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ވަޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ވަޓްފޯޑް ބަލިކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ވަޓްފޯޑް އާއި ސިޓީ ބައްދަލުކުރި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 4 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ، ރަހީމް ސްޓާލިންއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން 31 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ވަނީ އިތުރު ލަނޑެއް ސިޓީއަށް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށް ބެނާޑޯ ސިލްވާއެވެ.

މި މެޗުގައި ވަޓްފޯޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކޫޗޯ ފެނާންޑޭޒްއެވެ.

ވަޓްފޯޑް އަތުން ހޯދި މޮޅާއެކު ސިޓީ ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ 15 މެޗުން ހޯދި 35 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 15 މެޗުން ލިބުނު 34 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި ޗެލްސީ އޮތީ 15 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ވެސްޓް ހޭމް ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 15 މެޗު ކުޅެގެން ހޯދި 27 ޕޮއިންޓާ އެކުއެވެ.

މީގެ އިތުރުން ލީގުގައި މިރޭ ވުލްވްސް އަތުން ލިވަޕޫލް ވަނީ ފަހު ވަގުތު ޑިވޮކް އޮރީގީ ކާމިޔާބުކޮށްދިން ލަނޑުން މޮޅުވެ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. އަދި ނިއުކާސަލް ޔުނައިޓެޑުން ވަނީ 1-0 އިން ބާންލީ ބަލިކޮށް މި ސީޒަންގެ ލީގުގައި ފުރަތަމަ މޮޅު ހޯދާފައެވެ. ބްރައިޓަންގެ ނީލް މޯޕޭ ފަހު ވަގުތު ޖެހި ގޯލުން އެ ޓީމުން ވަނީ ސައުތެމްޓަނާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.