އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީ ތިންވަނައަށް ވެއްޓިއްޖެއެވެ.
ވެސްޓް ހޭމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީގެ މައްޗަށް ވެސްޓް ހޭމުން ކުރިހޯދީ ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ، ތިއާގޯ ސިލްވާއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް ޗެލްސީގެ ކީޕަރ މެންޑީ ވެސްޓް ހޭމްގެ ޖެރޮޑް ބޮވެންއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ވެސްޓް ހޭމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީ ވެސްޓް ހޭމަށް ކާމިޔާބުކޮށްދިނީ، މެނުއަލް ލަންޒީނީއެވެ. ވެސްޓް ހޭމުން ނަތީޖާ ހަމަހަމަކުރިތާ 4 މިނެޓު ފަހުން ޗެލްސީން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މޭސަން މައުންޓެއެވެ. މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފް ނިމުނީ ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ވެސްޓް ހޭމުން ވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ވެސްޓް ހޭމަށް ކާމިޔާބުކޮށްދިނީ، ބޮވެންއެވެ. މި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން މެޗު ނިމެން ދަނިކޮށް ވެސްޓް ހޭމް މި މެޗުން މޮޅުކޮށްދިން ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އާތޫރް މަސުއާކޫއެވެ.
ވެސްޓް ހޭމް އަތުން ބަލިވުމާއެކު އެއްވަނައިގައި އޮތް ޗެލްސީ މިހާރު ވަނީ ލީގު ތާވަލްގެ ތިންވަނައަށް ވެއްޓިފައެވެ. ޗެލްސީ ތިންވަނައިގައި އޮތީ 15 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. މި މެޗުން މޮޅުވި ވެސްޓް ހޭމް ހަަތަރު ވަނައިގައި އޮތީ 15 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ