ޗެލްސީ މަގާމް ދެމެހެއްޓިއިރު، ސިޓީ އާއި ލިވަޕޫލްވެސް މޮޅުވެއްޖެ

ޗެލްސީ މަގާމް ދެމެހެއްޓިއިރު، ސިޓީ އާއި ލިވަޕޫލްވެސް މޮޅުވެއްޖެ

Author
ޔޫސުފް
02 ޑިސެމްބަރ 2021 10:50
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ވަޓްފޯޑް އަތުން މޮޅުވެ އެއްވަނަ މަގާމް ދެމެހެއްޓިއިރު، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ވަޓްފޯޑްގެ ދަނޑުގައި ރޭ ޗެލްސީ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. އަދި ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން މެންޗެސްޓަރ ސިޓީ މޮޅުވީވެސް 1-2 އަކުންނެވެ. މީގެ އިތުރުން އެވަޓަންގެ ދަނޑުގައި ލިވަޕޫލް ވަނީ ފަސޭހަކަމާއެކު 1-4 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފައެވެ.

ވަޓްފޯޑް އާއި ޗެލްސީ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، މޭސަން މައުންޓްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަޓްފޯޑުން ވަނީ ނަތީޖާ ހަަމަހަމަކޮށްފައެވެ. ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މި ލަނޑު ކާމިޔާބުކޮށްދިނީ، އެމަނުއެލް ޑެނިސްއެވެ. މި މެޗުން ޗެލްސީއަށް 3 ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ދެވަނަ ހާފް ފަށައިގެން 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ހަކީމް ޒިޔެޗްއެވެ.

ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން 1-2 ގެ ނަތީޖާއަކުން ސިޓީވެސް ވަނީ މޮޅުވެފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ރުބެން ޑިއާސްއެވެ. އަދި ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ބެނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. އެސްޓަން ވިލާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފް ފަށައިގެން ދެ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އޮލީ ވަޓްކިންސްއެވެ.

މީގެ އިތުރުން އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-4 ގެ ނަތީޖާއަކުން ލިވަޕޫލް ވަނީ ކާމިޔާބުކޮށްފައެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު ޑާބީ މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޖޯޑަން ހެންޑަސަންއެވެ. އަދި އޭގެ 10 މިނެޓު ފަހުން ލިވަޕޫލުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެވަޓަންގެ ޑެމަރާއި ގްރޭ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން ސަލާހް ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ލިވަޕޫލަށް 2 ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ.

މި މެޗުތަކުގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި 14 މެޗު ކުޅެގެން ލިބުނު 33 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ދެވަނައިގައި 14 މެޗުން ލިބުނު 32 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން ސިޓީއެވެ. ލިވަޕޫލް ތިންވަނައިގައި އޮތީ 31 ޕޮއިންޓާއެކުއެވެ. އަދި ހަތަރު ވަނައިގައި ވެސްޓް ހޭމް އޮތީ 24 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.