މިއަދު ހާމަވީ ކުރާ ހުކުމަކުން ފަނޑިޔާރުން ހައްޔަރުކޮށް، ފުރާޅުން ޓިނު ނުނަގާނެކަން: ޔުމްނާ

މިއަދު ހާމަވީ ކުރާ ހުކުމަކުން ފަނޑިޔާރުން ހައްޔަރުކޮށް، ފުރާޅުން ޓިނު ނުނަގާނެކަން: ޔުމްނާ

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2021 01:11
0

މިއަދު ރައީސް ޔާމީން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމުން ހާމަވެގެން ދިޔައީ، ކުރާ ހުކުމަކުން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުގެއިން ޓިނު ނުގަނާނެ ކަމުގެ ޔަގީންކަމުގައި ރައީސް ޔާމީނަށް ބޮޑުބޭނެ ވިދާޅުވާ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އުފާފާޅު ކުރަމުންދާއިރު، ޔުމްނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދު ހާމަވެގެން ގޮސްފައިވަނީ ސްޕްރީމް ކޯޓުގެ މިނިވަންކަމާއި އަދުލު އިންސާފު އޮތް މިންވަރުކަމަށެވެ. އަދި ފަނޑިޔާރުން ކުރާ ހުކުމަކުން އެ ފަނޑިޔާރު ހައްޔަރުކޮށް، ފުރާޅުން ޓިނު ނަގައި މިސަރުކާރުން ނަހަދާނެކަން ދިވެހި ރައްޔިތުންނަށް ޔަގީން ވެފައިވާކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން. މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ. ފުރާޅުން ޓިނެއް ނުނަގާނެ.

– ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން އޭރުގެ ބައެއް ފަނޑިޔާރުން ހައްޔަރުކުރުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ. ސްޕްރީމް ކޯޓުން މިއަދު ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމް ކޮށްފައިވަނީ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރިއެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް 22 އިސްތިއުނާފީ ނުކުތާއެއް ހުށަހެޅިއެވެ. ދިގުދެމިގެން ދިޔަ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނިންމައިލި އެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ވަނީ އިތުރު އަޑުއެހުމެއް ބާއްވައިފައެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެފައިސާގެ ޗެކު ނަންބަރު ތަފާތުވެފައި އޮތް އަތޮމަކީ ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފާހަގަވާން ޖެހޭ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ޗެކު ނަންބަރާ ގުޅޭގޮތުން ދައުލަތާ ސުވާލުކުރުމުން ސާފު ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް ހުކުމްގައި ބުނެ އެވެ.

އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު އެންމެންގެ މައްޗަށް ހިންގަމުންދާއިރު, ދަޢުވާ ކޮށްފައިވަނީ އެމަނިކުފާނަށްކަމަށާއި، ބައެއް މީހުންނަށް އެސްއޯއެފްގެ ފައިސާ ލިބިފައިވީ ނަމަވެސް އެއީ ގޯސްކޮށް ލިބުނު ފައިސާއެއް ނޫން ކަމަށް ވެސް ކޯޓުން ބޭރުގައި ނިންމާފައިވާ ކަމަށް ރައީސް ޔާމީން ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

މިމައްސަލައިގެން އެސްއޯއެފް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ އާލާތްކަމަށް ބުނާއިރު އެކުންފުނީގެ މައްޗަށް ދައުވާއެއް ކޮށްފައި ނެތުމަކީ ހައިރާންވިކަމެއް ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ކުރި ހުކުމާއިއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމިނިކުފާނު ގެކޮޅު ކައިރިއަށް އެއްވެ އުފާ ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަނބުލޮ
އެނޫންގޮތެއް ނެތިގެން މިނިވަން ކުރީ ރޔ އަކީ ހިޔްވަރުގަދަ ބޭފުޅެއް. ޑްރާމާ ކުޅުއްވާ ބޭފުޅެއް ނޫން. ރޔ އަކީ މުޅި މިޤައުމުގެ ރައްޔިތުންގެ ލޯތްބާ އިޙްތިރާމް ލިބިގެންވާ ބޭފުޅެއް. ️