ތ.އަތޮޅު ހުރިހާ ރަށެއްގައި ސޯލަރ ހަރުކުރުން، ޢަބްދުﷲ ރިޔާޒްގެ ޝުކުރު ސަރުކާރަށް!

ތ.އަތޮޅު ހުރިހާ ރަށެއްގައި ސޯލަރ ހަރުކުރުން، ޢަބްދުﷲ ރިޔާޒްގެ ޝުކުރު ސަރުކާރަށް!

ތ.އަތޮޅުގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލަރ ހަރުކުރުމަށް ޗައިނާގެ ސައިނޯސޯރ ހައިބްރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ ސަބަބުން އެއަތޮޅުގަ ދިރިއުޅޭ ރައްޔިތުން މިހާރު ކަރަންޓަށް ކުރާ ހޭދަ ކުޑަވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ތ.އަތޮޅުގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލަރ ހަރުކުރުމަށް ޗައިނާގެ ސައިނޯސޯރ ހައިބްރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ ދަށުން 360 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި އެއްބަސްވުމުގެ ދަށުން ތ.އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޖުމްލަ 2.5 މެގަވޮޓްގެ އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެގޮތް ޤާއިމުކުރާނެއެވެ. މީގެއިތުރުން 975 ކިލޯވޮޓުގެ ބެޓެރީ ސިސްޓަމް ޤާއިމުކުރުމާއި 3،180 މީޓަރުގެ ކޭބަލް އެޅުމާއި ޒަމާނީ ފެންވަރުގެ ޖަނެރޭޓަރ ކޮންޓްރޯލް ޕެނަލް ބަހައްޓާނެއެވެ. މީގެ ސަބަބުން، އަހަރަކު 1.2 މިލިއަން ލިޓަރުގެ ޑީސަލް، ނުވަތަ 12 މިލިއަން ރުފިޔާ ސަލާމަތްކުރެވި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން ތ.އަތޮޅުގަ ދިރިއުޅޭ ރައްޔިތުން މިހާރު ކަރަންޓަށް ކުރާ ހޭދަ ކުޑަވެގެންދާނެކަމަށް އުންމީދުކުރަައްވާކަމަށެވެ. މިފަދަ ޕްރޮޖެކްޓެއް ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގަ ފެއްޓެވުމަށް ނިންމެވީތީ ސަރުކާރަށް ޝުކުރުދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ޤާއިމުކޮށްފައި ހުރީ 16.5 މެގަވޮޓުގެ ސޯލާ ޕީވީއެވެ. ނަމަވެސް އެ ޢަދަދު ވަނީ 36.5 މެގަވޮޓަށް އިތުރުކޮށްފައެވެ. އެއީ 45 އިންސައްތަ ކުރިއެރުމެއްކަމަށް ސަރުކާރުން ބުންޏެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެ ހަލުވި ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށާއި ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މަދުވެގެން 50 މެގަވޮޓުގެ އިތުރު ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރެވޭނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *