ހުރިހާ ފަރުދުންގެ ޙައްޤުތައް ބަލައިގަތުމަކީ މިނިވަންކަމުގެ ބިންގާ: ޝާހިދު

ހުރިހާ ފަރުދުންގެ ޙައްޤުތައް ބަލައިގަތުމަކީ މިނިވަންކަމުގެ ބިންގާ: ޝާހިދު

ހުރިހާ ފަރުދުންގެ ޙައްޤުތައް ބަލައިގަތުމަކީ މިނިވަންކަމާއި، ޢަދުލު އިންޞާފާއި، ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ ބިންގާކަމުގައި އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއިން އިސްނަގައިގެން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްއާއި ގުޅިގެން 24-25 ނޮވެމްބަރުގައި ބޭއްވި ވަރކްޝޮޕްގައި އދ. ގެ 76 އާއްމު މަޖިލީހުގެ ރައިސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލު، ހިއުމަން ރައިޓްސް ކައުންސިލްގެ 15 ވަނަ ދައުރުގެ ރައީސް ފީޖީގެ ނަޒްހަތު ޝަމީމް ޚާން އަދި ހިއުމަން ރައިޓްސް ކައުންސިލް އެންޑް ޓްރީޓީ މެކެނިޒަމްސް ޑިވިޝަންގެ ޑިރެކްޓަރ މަހަމޭން ސީސޭ-ގުރޯވަނީ ބައިވެރިވެވަޑައިގެންފައެވެ.

އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން އެމަނިކުފާނު ވިދާޅުވީ އެންމެންގެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުމަކީ އދ.ގެ 76ވަނަ އާއްމު މަޖިލީހުގެ ދައުރުގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިމަތީގައި ހުރިހާ އަޑުތަކެއް އިއްވައި، ހުރިހާ މެންބަރު ޤައުމުތަކަށް ތަމްސީލުކުރުމުގެ ހަމަހަމަ ފުރްޞަތު ތަކެއް ހޯދައިދިނުމަކީ ޒިންމާއެއްކަމުގައިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ 2012ވަނަ އަހަރު ޓްރަސްޓް ފަންޑް އުފެއްދުމުގައި، ހޯސްޓް ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން މުހިންމު ދައުރެއް އަދާކުރީތީ އެކަމާއި ފަޚުރުވެރިވެވަޑައިގަންނަވަކަމަށެވެ. އަދި މިފަންޑަކީ ތަމްރީނުކުރުމާއި، ފެލޯޝިޕް ޕްރޮގްރާމްތަކާއި ސަރަޙައްދީ ވަރކްޝޮޕްތަކާ ހަމައަށް، ހިއުމަން ރައިޓްސް ކައުންސިލާއި، އެ ކައުންސިލްގެ މެކޭނިޒަމްތަކުގައި އެލް.ޑީ.ސީ އަދި ސިޑްސްގެ ޤައުމުތަކުގެ ބައިވެރިވުން އަމަލީގޮތުން އޮތްކަން ސާބިތުކޮށްދީފައިވާ ފަންޑެއްކަމުގައިވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ 24 މާރިޗު 2017 ގައި ފާސްކޮށްފައިވާ ހިއުމަން ރައިޓްސް ކައުންސިލް (އެޗް.އާރު.ސީ) ގެ ޤަރާރު 34/40 ގެ ދަށުން ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ. މި ޤަރާރުގައި ޓްރަސްޓް ފަންޑަށް ހިތްވަރު ދީ، 2022 ވަނަ އަހަރުގެ މާރިޗު މަހު ޓްރަސްޓް ފަންޑަށް 10 އަހަރު ފުރުމުގެ ކުރިން، އެފްރިކާ، އޭޝިޔާ، ޕެސިފިކް އަދި ކެރީބިއަން ހިމެނޭހެން ތިން ޖިއޮގްރަފިކަލް ސަރަޙައްދުގައި ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެއް ބޭއްވުމަށް ބާރުއަޅާފައިވެއެވެ.

މި ވަރކްޝޮޕްތަކުގެ މަޤްޞަދުތަކުގެ ތެރޭގައިހިމެނެނީ، ޓްރަސްޓް ފަންޑްގެ ކާމިޔާބީތަކުގެ މައްޗަށް ރިޢާޔަތްކުރުން، އިތުރަށް ރަނގަޅުކުރަންވީ ކަންކަން ފާހަގަކުރުން، އަދި އެޗް.އާރު.ސީ އާއި އޭގެ މެކޭނިޒަމްތަކުގައި އެލް.ޑީ.ސީ އަދި ސިޑްސްގެ ޤައުމުތަކުން ބައިވެރިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޤައުމުތަކުގެ ތަމްރީނާއި ޤާބިލުކަން އިތުރުކުރުމަށް ހިންގާ ޙަރަކާތްތަކުގެ އަގު ވަޒަންކުރުމެވެ.

މިއަހަރު ބޭއްވޭ މިވަރކްޝޮޕްގެ އެންމެ މުހިއްމު މަގްސަދަކީ އޭޝިޔާ ސަރަޙައްދުގެ އެލް.ޑީ.ސީ/ސިޑްސް ގެ ޤައުމުތަކުން 2022 ވަނަ އަހަރާ ހަމައަށް އެޗް.އާރު.ސީ އާއި އެ ޖަމްޢިއްޔާގެ މެކޭނިޒަމްތަކުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން ކަށަވަރުކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ "މާލޭ ޑެކްލަރޭޝަން ޓުވާރޑްސް 2022″ ގެ ފައިނަލް ޑެކްލަރޭޝަން އެކުލަވާލައި، އެ ޑެކްލަރޭޝަނަށް އެއްބަސްވުމެވެ. "މާލޭ ޑެކްލަރޭޝަން ޓުވާރޑްސް 2022″ ފައިނަލްކޮށް، 1 ޑިސެންބަރު 2021 ވާ ހޯމަ ދުވަހު މި މަސައްކަތު ބައްދަލުވުން ނިމުމުން އެޑޮޕްޓް ކުރެވޭނެއެވެ.
މި ވޯކްޝޮޕަކީ އޭޝިއާ ސަރަހައްދުގެ އެލްޑީސީ/ސިޑްސް ގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ހަތަރުވަނަ އަދި އެންމެ ފަހު ވޯކްޝޮޕެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *