ރައީސް ޔާމީންގެ ޖަލު ހުކުމަށް 2އަހަރު، އެ ދެއަހަރީ ރައްޔިތުން ނިކަމެތިވި 2އަހަރު: ޝިޔާމް

ރައީސް ޔާމީންގެ ޖަލު ހުކުމަށް 2އަހަރު، އެ ދެއަހަރީ ރައްޔިތުން ނިކަމެތިވި 2އަހަރު: ޝިޔާމް

Author
މުޙައްމަދު ޖިމީ
29 ނޮވެމްބަރ 2021 10:17
0

ފާއިތުވި ދެ އަހަރަކީ ރާއްޖޭގެ ތަރައްގީގެ ތާރީޚު ހުއްޓި ރައްޔިތުން ނިކަމެތިވެގެންދިޔަ ދެ އަހަރުކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރުދުވަހަށް ޖަލަށްލިތާ ދެ އަހަރު ވެގެންދިއުމާއި ގުޅިގެން، ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ނާއިންސާފުވެރި ޙުކުމަކުން ރައީސް ޔާމީން ޖަލުގައި ހުންނަވާތާ ދެ އަހަރުވީއިރު ރައްޔިތުންނަށް އެ 2 އަހަރުވެގެންދިޔައީ ރާއްޖޭގެ ތަރައްގީގެ ތާރީޚު ހުއްޓި އިޤްތިޞާދު ފުންއަނދަވަޅަކަށް ވެއްޓި ޤައުމު ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވެގެންދިޔަ 2 އަހަރަށްކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފު ހުކުމް މާދަމާއަށް ސުޕްރީމް ކޯޓުގައި ވަނީ ތަޢާވަލުކޮށްފައެވެ.

ނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފުގެ ހުކުމް ކުރަން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.

މި މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައިވާއިރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންވަނީ ދައުލާއި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމާ ވަރަށް ގިނަ ސުވާލުުތައް ކުރައްވާފައެވެ.

އެންމެފަހުން މި މައްސަލާގައި ސުޕްރީމް ކޯޓުން އަޑުއެހުމެއް ބާއްވާފައިވަނީ އެސްއޯއެފަށް ފައިސާ ޖަމާކުރި ޗެކުގެ ޞައްޙަކަން ކަށަވަރުކޮށް، އެސްއޯއެފްގެ އެކައުންޓު ސްޓޭޓުމެންޓުގައި ހިމެނޭ ބައެއް މައުލޫމާތާ ގުޅިގެން ދެ ފަރާތާ ސުވާލުތަކެއް ކުރުމަށެވެ. އެ އަޑުއެހުމަށްފަހުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރުވަނީ ސުޕްރީމް ކޯޓު ރިސެސަށް ދިއުމުގެ ކުރިން އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީން ޖަލަށް ލާން ކުރި ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއް ޔާމީނާ ދެކޮޅަށް އަންނަނީ ހިންގަމުންނެވެ. އަދި އިއްޔެ ވެސް ވަނީ މަނީ ލޯންޑަރިންގެ އާ ދައުވާއެއް ކޮށްފަ އެވެ. އެއީ ވ. އާރަށް ކުށްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.