އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާތީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފު މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓިއަށް ހުށައަޅައިފިއެވެ. މަޚްލޫފް މަޤާމުން ދުރުކުރުމަށް ކޮމިޓީގައި އެދިވަޑައިގަތީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.
މަޚްލޫފް ވަޒީރުކަމުން ދުރުކުރުމަށް އެދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވަނީ މަޚްލޫފްގެ މައްޗަށް ދަޢުވާ އުފުލާފައިވާތީ އޭނާ ވަޒީރުކަމުގައި ބެހެއްޓުމަށް ނުފެންނަކަމަށެވެ. އަދި މަޚްލޫފް ވަޒީރުކަމުން ވަގުތުން ވަގުތަށް ދުރުކުރުމުގެ މަސައްކަތް ކޮމިޓީން ފެށުމަށްވެސް ޖާބިރު ވަނީ ކޮމިޓީގައި އެދިވަޑައިގަނެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅަފައިވަނީ މިމަހުގެ 24ގައެވެ. މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.
މަޙުލޫފުގެ މައްޗަށް މި ދަޢުވާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީއެވެ.
ޚިޔާނާތުގެ ތުހުމަތުތާކާއެކު ދެފަހަރެއްގެ މަތިން މިނިސްޓަރ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރިނަމަވެސް އެކަމަކު ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ފާއިތުވުމާއި ގުޅިގެން ސަރުކާރުންވަނީ މަޚްލޫފްގެ ސަސްޕެންޝަން އުވާލައްވާފައެވެ.
އެންމެފަހުން އޭނާ މަސައްކަތުގެ މާހައުލުން އެކަހެރިކުރިތާ 4 މަސް ފަހުން ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަޚުލޫފު މަސައްކަތަށް ނިކުންނަވަން ފެއްޓެވީ މިދިޔަ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުގައެވެ.
މިނިސްޓަރ މަޚުލޫފުވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަށް ދޮގުކުރައްވައި، ފައިސާ ލިބުނު މުޢާމަލާތަކީ ޑޮލަރު ގަތުމުގެ ސައްޙަ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ