ޖަރުމަނު ލީގުގައި ރޭ އާރްމީނިއާ ބީލަފީލްޑް ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ އެއްވަނަ މަގާމް ދަަމަހައްޓައިފިއެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ އާރްމީނިއާގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެ، މޮޅު ކުޅުމެއް ދެއްކީ ބަޔާން މިއުނިކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ލެރޯއި ސާނޭއެވެ. މި ލަނޑާއެކު ބަޔާނުން ވަނީ ޖަރުމަނު ލީގުގެ ތާރީޚުގައި 44 އަހަރު ވަންދެން ކޮލޯނުން ދެމެހެއްޓި ރިކޯޑެއް މުގުރާލާފައެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތީ 13 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް 13 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.
މީގެ އިތުުރުން ޖަރުމަނު ލީގުގައި ރޭ ވުލްފްސްބާގް އާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރި މެޗު 1-3 ގެ ނަތީޖާއަކުން ޑޯޓްމަންޑުން ވަނީ ކާމިޔާބުކޮށްފައެވެ.
މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި ވުލްފްސްބާގުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވޫޓް ވެގްހޯސްޓްއެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑޯޓްމަންޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީ ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ، އެމްރޭ ޗާންއެވެ.
މެޗުގެ ދެވަަނަ ހާފް ފަށައިގެން ޑޯޓްމަންޑުން ލީޑު ނެގީ 55 ވަނަ މިނެޓުގައި ޑޮންޔެލް މާލެން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ޑޯޓްމަންޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާލިން ބްރައުޓް ހާލަންޑެވެ.