ސައުތު އެފްރިކާގެ ގައުމުތަކުން ރާއްޖެ އައުން މަނާކޮށްފި އެވެ. މިއީ ސާސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އެޅި ފިޔަވަޅެކެވެ.
ކޯވިޑްގެ އައު ވައްތަރެއް ދެކުނު އެފްރިކާއިން ފެނި މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަނޑައަޅާފައެވެ.
ކޯވިޑްގެ އައު ވޭރިއަންޓުން ރައްކާތެރިވުމަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިރޭ ދަންވަރު ބާރައިން ފެށިގެން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިންމްބާބްވޭ އަދި އެސްވަޓީނީންނެވެ. އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ ރާއްޖެ އައުމުގެ 14 ދުވަސްކުރިން މި ޤައުމުތަކަށް ދަތުރުކޮށްފައިވާ މީހުންނާއި އެއިން ޤައުމެއްގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައިވާ މީހުންނަށް މިވަގުތު ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ.
ރާއްޖެއަށް މީހުން އެތެރެވުން މަނާކުރި ޤައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވެ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މި މީހުން ކަރަންޓީނު ދޫކޮށްލާނީ 14 ދުވަސް ފުރިހަމަކޮށް އަލުން ކޯވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިންމްބާބްވޭ އަދި އެސްވަޓީނީ އިން ރާއްޖެ އަންނަން ދަތުރު ފަށާފައިވާ މީހުންނާއި މިދިޔަ 14 ދުވަހުގެ ތެރޭ މި 7 ޤައުމަށް ދަތުރުކޮށްފައިވާ މީހުން ވަގުތުން ޕީސީއާރް ޓެސްޓު ހަދަންވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެއިތުރުން މިސަރަޙައްދުތަކުން ރާއްޖެއަށް ދަތުރުކޮށްފައިވާ މީހުން ރާއްޖޭގައި ތިބޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނަމަ އެމުއްދަތު ފުރިހަމަ ކުރުމަށްފަހު އިތުރު ޓެސްޓެއް ހަދަން އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އަދި ރާއްޖޭގައި 14 ދުވަހަށްވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖެއިން ފުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންވެސް ވަނީ އަންގާވާފައެވެ.
ސައުތް އެފްރިކާއާއި އެސަރަޙައްދުގެ ބައެއް ޤައުމުތަކުން ކޯވިޑްގެ އާ ވޭރިއެންޓް 'އޮމިކްރޯން' ފެނުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން އަންނަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޓެސްޓު ހެދުން އިތުރުކޮށްފައިވާއިރު މިވޭރިއެންޓް ފެނިފައިވާ ޤައުމުތަކުން ދަތުރުތައް ވަނީ ހުއްޓާލާފައެވެ.